އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު، ދައުލަތުގެ ކަމާ ގުޅޭ ހުރިހާ ފަރާތްތަކާ ގުޅިގެން، ރާއްޖެ އަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން މޮނިޓަ ކުރަމުން އަންނަ ކަމަށާއި އެންމެ އިސްކަންދެނީ ދިވެހިންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ދެންމެ ބުނެފި އެވެ.
އެ މިނިސްޓްރީން އެހެން ބުނީ، މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެ އިން އަޅާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ރާއްޖެ އަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި އިމްޕޯޓް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެން އަޅަންޖެހޭ އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، ބައިނަލްއަގްވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތައް ވެސް ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ވަރަށް ގާތުން އަންނަނީ ދިރާސާ ކުރަމުންނެވެ.
"އަދި ރާއްޖެ އަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓުތަކާއި ރޫޓުތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، އެކަންކަމުން އަރައިގަތުމަށްޓަކައި ބޭނުންވާނެ އެހެނިހެން އަލްޓަނޭޓިވް މާކެޓުތައް ހޯދުމުގެ މަސައްކަތް މި މިނިސްޓްރީން ދަނީ ކުރަމުންނެވެ،" އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މެދުދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައްވައިފަ އެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:
- ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
- ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
- ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
- ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
- ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ހޯމް މިނިސްޓަރު އަލީ އިހުސާން
ރައީސް އޮފީހުން ބުނީ، އެ ބޭފުޅުންގެ މިނިސްޓްރީންތަކުން ކަމާގުޅޭ މައުލޫމާތުތައް ހާމަކުރަމުން ގެންދާނެ ކަމަށެވެ.