އިޒްރޭލާއި އެމެރިކާ އިން އިސްވެ އިރާނަށް އިއްޔެ ދޭން ފެށި ހަމަލަތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ބަލައި ހާއްސަ ފިޔަވަޅުތައް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮމިޓީއެއް އެކުލަވާލައްވައިފި އެވެ. 

ރައީސް އޮފީހުން ބުނީ، އިއްޔެ މެންދުރު އެކުލަވައިލި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:

  1. ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
  2. ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
  3. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
  4. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  5. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
  6. ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް
  7. ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
  8. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  9. ހޯމް މިނިސްޓަރު އަލީ އިހުސާން

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެ ކޮމިޓީގެ ބޭނުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުން ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު، ދައުލަތުގެ ކަމާ ގުޅޭ ހުރިހާ ފަރާތްތަކާ ގުޅިގެން، ރާއްޖެ އަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން މޮނިޓަ ކުރަމުން އަންނަ ކަމަށެވެ. 

އެގޮތުން އެންމެ އިސްކަންދެނީ ދިވެހިންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.