ހުރަވީ ބިލްޑިން ހުރި ބިމުގައި 200 އަށް ވުރެ ގިނަ ސައިކަލު ޕާކުކުރެވޭނެ ޕާކިން ޒޯނެއް މިއަދު ހުޅުވައިފި އެވެ. 

އެއީ ޒޯނަކީ ހަމައެކަނި ސައިކަލުތަކަށް ހާއްސަ ޒޯނެކެވެ. 

ކޮންޓްރަކްޝަން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އެއީ 224 އުޅަނދު ޕާކު ކުރެވޭނެ ޖާގައިގެ ތަނެއް ކަަމަށެވެ. 

ހުރަވީ ބިލްޑިން ބިމުގައި ހަދާފައިވާ ޕާކިން ޒޯން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ހުރަވީ ބިލްޑިން ބިމުގައި ހަދާފައިވާ ޕާކިން ޒޯން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ގާތްގަނޑަކަށް 35 އަހަރު ކުރީގެ ހުރަވީ ބިލްޑިން ތަޅާލީ ޖޫން 2022 ގަ އެވެ. ސަރުކާރުގެ ބައެއް އޮފީސްތައް ވެސް ހިންގަމުން އައި އެ އިމާރާތުގައި ވަރަށް ބޮޑަށް ރެނދުލައި އިމާރާތުގެ ބައިތައް މަގުމައްޗަށް ވެއްޓޭ ހިސާބަށް ނުރައްކާ ބޮޑުވެ އެތަން ތަޅާލުމަށް ފަހު އޭރު ނިންމީ އެ ތަނުގައި ޕާކަކާ އެކު، ވެހިކަލް ޕާކުކުރެވޭނެ ޖާގައެއް ހަދާށެވެ. އެކަމަކު، އެކަން މިއަދާ ހަމައަށް ނުކޮށް ދިގުލައިގެން ދިޔައީ އެވެ.

ހުކުރު މިސްކިތާއި ހުރަވީ ބިލްޑިންގާ ދެމެދުގައި ކުރިން ހަދާފައިވަނީ 226 ސައިކަލު ޕާކު ކުރެވޭނެ ޖާގަ އެވެ. އެކަމަކު ސަރުކާރުގެ އޮފީސްތައް ގިނަ އަދި ގިނަ ބަޔަކު ހިދުމަތް ހޯދުމަށްދާ އެ ސަރަހައްދުގައި ޕާކުކުރުމަށް ޖާގަ ނޯންނަ ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. 

އެތަނާ އިންވެގެން ކަހަލަ ގޮތަކަށް އާ ޕާކިން ޒޯނެއް ހެދިއިރު މި ފަހުން ވަނީ ހޮޓެލް ޖެން ކައިރީގައި އޮން ބޮޑު ޕާކިން ޒޯނު ވެސް ބަންދުކޮށްފަ އެވެެ. ސައިކަލާއި ހަތަރު ފުރޮޅުލީ އުޅަނދު ވެސް ޕާކުކުރެވޭ ގޮތަށް ހަދާފައިވާ އޮތް އެ ޕާކިން ޒޯނު ބަންދުކުރީ މަޖީދިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތަށެވެ.