ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކާމިޔާބުވެއްޖެ ނަމަ، އެ މީހުން މަސައްކަތްކުރާނީ ސަރުކާރާ އިދިކޮޅަށް ކަމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހދ. އަތޮޅުގެ ކެމްޕެއިން ޖަގަހަ މާލޭގައި ހުޅުވަން ބޭއްވި ޖަލްސާގައި ނައިބް ރައީސް ވިދާޅުވީ އިދިކޮޅުގެ ކެމްޕެއިންތަކުގައި ސަރުކާރަށް ކުރި އުނދަގުލަކީ ކޮބާތޯ ސުވާލުކުރަމުން އަންނަ ކަމަށެވެ. އެހެންވެ ހުސެއިން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރޭތޯ އާއި ރައީސް ނިންމަވާ ނިންމެވުންތައް ތަންފީޒުކުރުމަށް ރައްޔިތުންނަށް ހެޔޮ ނަސޭހަތް އިދިކޮޅުންދޭތޯ ސުވާލު އުފައްދަވައިފަ އެވެ.
"އަޅުގަނޑުމެންނާ ވާދަވެރި އިންތިހާބުގައި ވާދަކުރާ ބޭބޭފުޅުން ވެސް ވިދާޅުވޭ މިހާތަނަށް ކުރި އުނދަގުލަކީ ކޮބާހޭ. ނޫނީ މާދަމާ ތިމަންނަމެން އިންތިހާބުކޮށްގެން ކޮބާހޭ ކުރާނެ އުނދަގޫތަކަކީ. ދަންނަވާލަން ބޭނުންވާނީ މިއަދު ޕޯޑިއަމްތަކުގައި އެވާހަކަ އެ ދައްކަނީ ސަރުކާރާ އެއްބާރުލުން ދީގެންތޯ. ސަރުކާރުގެ ސިޔާސަތަކަށް ތާއީދުކޮށްގެންތޯ،"
ނައިބް ރައީސް ވިދާޅުވީ އިދިކޮޅުގެ ކެންޑިޑޭޓުން އިންތިހާބުވެއްޖެ ނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާނެ ކަމަށެވެ.
ހުސެއިން ވިދާޅުވި ގޮތުގައި މިހާތަނަށް ވެސް ފެނިވަޑައިގަތް މަންޒަރަކީ އެއީ އެވެ.
"އެހެންވީމަ މީގެއިން ވެސް އެބަދޭހަވޭ އަޅިގަނޑުމެންނަށް އެބަ ޔަގީންވޭ އެއިން ބޭފުޅަކު އިންތިހާބުވެއްޖެ ނަމަ، ސަރުކާރާ ސީދާ އިދިކޮޅަށްކަން އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާނީ،"
ނައިބް ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަކީ އެއްކޮށް ބާއްވަން ޖެހޭ އިންތިހާބެެއް ކަަމަށް އިދިކޮޅުގެ ވެރިކަމުގައި ވަކާލާތު ކުރި ކަމަށެވެ. އެކަމަކު އެކަމާ ދެކޮޅަށް މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެހެންވެ، އެފަދަ ބަޔަކު އިންތިހާބަށް ފުރުސަތުދީފި ނަމަ، އެމީހުންނަށް ތަރައްގީ ގެނެވިދާނެތޯ ރައްޔިތުން ވިސްނަންޖެހޭ ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.
"އެހެންކަމުން މިފަދަ މޭރުމުން ވާހަކަ ދައްކާ ބޭފުޅުންނަށް މާދަމާ ފުރުސަތު ލިބިއްޖެކަމުގައިވާ ނަމަ ދިވެހި ލޮބުވެތި ރައްޔިތުން ވިސްނަންވީ އަޅުގަނޑުމެން ރަށްފުށުގައި ދިރިއުޅެމުންދާ ރައްޔިތުން ވިސްނަންވީ ތިމަންނަމެން ބޭނުންވާ ތަރައްގީ ގެނެވޭނެތޯ،"
ނައިބް ރައީސް ވިދާޅުވީ ސަރުކާރަށް ފާޑުކިޔުމަށް އިދިކޮޅުން ގެންގުޅޭ ހަމަތައް ވިސްނަންޖެހޭ ކަމަށެވެ. ސަރުކާރު ޖަވާބުދާރީކުރުވުމަކީ ކުރަންޖެހޭ ކަމަކަށްވިޔަސް އިދިކޮޅުން އެކަން ކުރާ ގޮތާ މެދު ހުސެއިން ފާޑުވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ ގައުމުގެ ހަމަޖެހުމަށް ރައީސް ގާނޫނަށް ގެންނަވާ ބޮޑެތި ނިންމެވުންތަކާ ގުޅިގެން އިދިކޮޅުން ކުރަނީ "ޖެއްސުން" ކަމަށެވެ. މިސާލެއްގެ ގޮތުގައި ވިދާޅުވީ އަންނަ މަހުގެ 4 ގައި ލޯކަލް ކައުންސިލު އިންތިހާބު އޮންނަ ދުވަހު ފެންނަ ނުފެންނަ ވޯޓެއް ނަގަން އުޅޭތީ މުޒާހަރާ ކުރަން އުޅޭ ކަމަށެވެ. އެކަން ކުރަނީ ގައުމު ހަލަބޮލިކޮށް ހަމަނުޖެހުން އުފައްދަން ކަމަށް ހުސެއިން ވިދާޅުވި އެވެ.
ނައިބް ރައީސް ވިދާޅުވީ މަޝްރޫއުތައް ހިންގުމުގައި ސަރުކާރާއި ޕާޓީގެ ސިޔާސަތުތައް އެއްގޮތް ވާންޖެހޭ ކަމަށާއި އެކަމަކު އެމްޑީޕީގެ ކެންޑިޑޭޓަކު ހޮވިއްޖެ ނަމަ އެކަމަށް ތާއީދުނުކުރާނެ ކަމަށެވެ. އެހެންވެ އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ގޮވާލެއްވި އެވެ.