މި ކުޑަ އާބާދީގެ ތެރޭގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދައިގެން ލިބޭނެ އެއްވެސް މަންފާއެއް ނެތް ކަމަށާއި ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިގެން ކުރިއަށް ދިއުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މިރޭ އެދިަވޑައިގެންފި އެވެ. 

ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިންގައި ޕީއެންސީގެ މާފަންނު ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ޕާޓީ ނިޒާމުގައި ޖަވާބުދާރީކުރުވަންޖެހޭ ކަމަށާއި އެއީ އަސާސީ ހައްގެއް ކަމަށެވެ.

ނަމަވެސް އެކަން ކުރަންޖެހޭނީ ރީތި ގޮތުގައި ވާދަވެރިކޮށް ކަމަށާއި އަދި އެކަން ނުކޮށްފި ނަމަ ބައެއް ފަަހަރު އެ ސަރުކާރަކުން ކުރަން އައި ކަމެއް ހަނދާން ނެތިގެން އެހެން ދިމާލަކަށް މިސްރާބު ޖަހާފައި ވެސް ހުންނަ ކަމަށް ވިދާޅުވި އެވެ. 

އެ މަނިކުފާނު ވިދާޅުވީ ޖަވާބުދާރީކުރުވުމުގެ ތެރެއިން މުޖުތަމައުގެ ތެރެއަށް ބަހެއް ދޫކޮށްލާ ނަމަ އެކަން ކުރަންޖެހޭނީ ވަރަށް ވިސްނާފައި ކަމަށާއި އެހެން ނޫނީ ޒާތީ ހަސަދަ އާއި ނަފްރަތާއި ރުޅިވެރިކަން އުފެދިގެންދާ ކަމަށެވެ.

ޕީއެންސީގެ ކެންޑިޑޭޓުންގެ މާފަންނު ޖަގަހަ ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތަށް ވަޑައިގެން ނައިބު ރައީސް މީހަކާ ސަލާމްކުރައްވަނީ.-- ފޮޓޯ: ޕީއެންސީ
ޕީއެންސީގެ ކެންޑިޑޭޓުންގެ މާފަންނު ޖަގަހަ ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތަށް ވަޑައިގެން ނައިބު ރައީސް މީހަކާ ސަލާމްކުރައްވަނީ.-- ފޮޓޯ: ޕީއެންސީ

ނައިބު ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން ބޭނުންވަނީ 2008 ވަނަ އަހަރުގެ ކުރީކޮޅު ފެށުނު އެ ކަންތައް ހަނދާން ނައްތާލައި އިޖުތިމާއީ ފޭރާން ރަނގަޅު މުޖުތަމައުއެއް ބިނާކުރާށެވެ.

"މިއީ ކުޑަކުޑަ އާބާދީއެއް. މި އާބާދީގެ ތެރޭގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދައިގެން ލިބޭނެ އެއްވެސް މަންފާއެއް ނެތް. ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ ތެރެއިން އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން މަސައްކަތްކުރަނީ،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވަނީ އަންނަން އޮތް ޖީލަށް ހެޔޮ ބަދަލެއް އަންނާނެ ގޮތަށް ސިޔާސަތުތައް ތަންފީޒުކުރަން ޕީއެންސީ ކައުންސިލަރުން ހޮވައިދިނުމަށް އެދިވަޑައިގެންފަ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްތައް ތަރުތީބުކޮށްފައި އޮތީ ރައްޔިތުންނަށް ބިއްލޫރިގަނޑެއްހެން ފެންނާނެ ގޮތަށް ދާންވީ މަންޒިލް ސާފުކޮށް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު، ޕީއެންސީގެ ކެންޑިޑޭޓުންގެ މާފަންނު ޖަގަހަ މިރޭ ހުޅުވައިދެއްވަނީ.-- ފޮޓޯ: ޕީއެންސީ
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު، ޕީއެންސީގެ ކެންޑިޑޭޓުންގެ މާފަންނު ޖަގަހަ މިރޭ ހުޅުވައިދެއްވަނީ.-- ފޮޓޯ: ޕީއެންސީ

އެ މަނިކުފާނު ވިދާޅުވީ ގާނޫނާއި ގަވައިދު އަދި އުސޫލުތައް ހަދައިގެން އިޖުތިމާއީ ފޭރާން ރަނގަޅުކުރަން މަސައްކަތްކުރާ ކަމަށެވެ. އަދި މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން ވެސް ރައީސް އެ މަސައްކަތްތައް ކުރެއްވި ކަމަށާއި އެކަން ކުރިއަށް ގެންދަން އެއްބާރުލުން ދެވޭނީ ސިޓީ ކައުންސިލަށް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގައި މިހާރު ވެސް އޮތީ ޕީއެންސީގެ މެޖޯރިޓީ އެވެ. 

އެކަމަކު، ފާއިތުވި މުއްދަތުގެ ތެރޭގައި ކައުންސިލުން އެ އެއްބާރުލުން ނުދިން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ވާރޭވެހިއްޖެ ނަމަ މާފަންނުގައި ފެން ބޮޑުވެ، އެކަމުގެ ތަކުލީފު ވަރަށް ބޮޑު ކަމަށެވެ. އެކަންކަން ހައްލުކުރަން މި ހުރިހާ ހިސާބެއްގައި ކުރި މަސައްކަތުގައި އެންމެ ބޮޑު އެއްބާރުލުމެއް ދެވޭނީ މާލެ ސިޓީ ކައުންސިލަށް ކަމަށާއި ރައީސްގެ އަރިހުގައި އެކަން ގެންދެވޭނަމަ ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.