ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ޕޮލިސް ސްޓޭޝަނަކާއި އެކޮމޮޑޭޝަން ބްލޮކެއް އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ.

ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރީ ހއ. ދިއްދޫގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާ އެކުގަ އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު އަލީ ވަސީއު އެވެ. 

ދެވަނަ އެއްބަސްވުމަކީ ރ. މަޑުއްވަރީގައި ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމަށް މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު ވި އެއްބަސްވުމެކެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިއިރެކްޓަރު ސައުދުﷲ ހިލްމީ އެވެ.

އެއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ އުމުރާނީ ވަސީލަތްތައް ގާއިމުކޮށް، ފެންވަރު މަތިކުރުމަށާއި އަތޮޅުތެރޭގައި ހިދުމަތްކުރާ ފުލުހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ފުލުހުންގެ މުއައްސަސާއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފަށަން އެއްބަސްވި މަޝްރޫއުތަކެކެވެ.