ބަލި މީހުންގެ ނަމުގައި ހިންގާ މެޑިކަލް ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.
އެ ސެންޓަރުން ބުނީ މި ފަހަކަށް އައިސް ފޭސްބުކްގައި، ބަލި މީހުންގެ ފޮޓޯ ބޭނުންކޮށްގެން މެޑިކަލް އެހީއަށް އެދި ކުރާ ޕޯސްޓުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެކަމަކު އޭގެ ތެރޭގައި ހިމެނޭ ގިނަ ޕޯސްޓުތަކަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމް ކަމަށް ފުލުހުން ބުންޏެވެ.
އެންޓި ސްކޭމް ސެންޓަރުން ބުނީ އެކި ވެބްސައިޓުތަކުން ބަލި މީހުންގެ ފޮޓޯ ނަގައިގެން ބޭނުންކޮށް މީހުންގެ އިހުސާސްތަކާ ކުޅެން މަސައްކަތްކުރާ ކަމަށެވެ. ކުޑަކުދިންގެ އިތުރުން ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދުމަށް، މަކަރުން ފައިސާ ހޯދާ މީހުން މަސައްކަތްކުރާ ކަމަށް ފުލުހުން ބުންޏެވެ.
އެ ސެންޓަރުން ބުނި ގޮތުގައި ފޯން ކޯލްތައް ބްލޮކްކުރުމަކީ ވެސް ސްކޭމަރުންގެ އުކުޅެކެވެ. ފުލުހުން ބުނީ ޕޯސްޓުގައިވާ ނަމްބަރަށް ގުޅުމުން ފޯނު ނުނެގިޔަސް މެސެޖު ކުރުމުން އެ މީހުން ޖަވާބުދޭ ކަމަށެވެ.
އެހެންވެ، އެކަމުން ރައްކާތެރިވުމުގެ ގޮތުން ގުޅައިގެން ޔަގީންކުރުމަށް އެދެ އެވެ. ފައިސާ ފޮނުވުމުގެ ކުރިން އެމީހުންނަށް ގުޅައި ވާހަކަ ދައްކަން އެދިފައިވެ އެވެ. އަދި އެ ފޮޓޯއަކީ ސައްހަ ފޮޓޯއެއްކަން ކަށަވަރުކުރުމުގެ ގޮތުން ރިސާޗު ކުރުމަށް އެދުނެވެ. އެކަން ކުރުމަށް ގޫގުލް ރިވާސް އިމޭޖް ސާޗް ބޭނުންކުރެވިދާނެ އެވެ.
އެންޓި ސްކޭމް ސެންޓަރުން ވަނީ އެފަދަ ޕޯސްޓުތައް ޝެއާ ނުކުރުމަށް ވެސް އެދިފަ އެވެ. ޔަގީންނުވާ ޕޯސްޓުތައް ޝެއާކުރުމަކީ އެ މަޅީގައި އެހެން މީހުން ޖެހުމަށް ދެވޭ ދައުވަތެއް ކަމަށާއި ކުށްވެރިންނަށް ފައިސާ ދެވެން މެދުވެރިވާ ސަބަބެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ސްކޭމްތަކަށް ހޭލުންތެރިވުމަށް އެދި ކޮށްފައިވާ އެ ޕޯސްޓާ އެކު ފުލުހުން ވަނީ މީހަކު ހިންގާ ސްކޭމެއްގެ ސްކްރީންޝޮޓުތަކެއް ވެސް ހިއްސާކޮށްފަ އެވެ. އޭގައި ވަނީ އޭނާގެ އުމުރުން ތިން އަހަރުގެ ބަލި ކުއްޖަކު ހުންނަ ކަމަށާއި އޭނާއަކީ އެކަނިވެރި މައެއް ކަމަށް ބުނެފަ އެވެ. އަދި ޕޯސްޓުގައި ވަނީ ނަމާއި އައިޑީކާޑު ނަމްބަރެއްގެ އިތުރުން، އޭނާއަކީ ނޭވާޔަށް އުނދަގޫވާ ބައްޔެއް ތަހައްމަލުކުރަމުން އަންނަ މީހެއް ކަމަށް ބުނެފަ އެވެ.
މީހުންނަށް އެހީތެރިވުމުގެ މާތްކަމާ ގުޅޭ ދީނީ ވާހަކަތަކަކާއި ހަދީސްތަކެއް ވެސް އެ ޕޯސްޓުގައިވާއިރު އެހީތެރިވުމުގެ ގާބިލުކަމެއް ނެތް ނަމަ، ޕޯސްޓު ޝެއާކުރަން ވެސް އެދިފައިވެ އެވެ.
މީގެ ކުރިން ފުލުހުން ވަނީ "ދީނުގެ މަގު" ގެ ނަމުގައި ހިންގަމުން އަންނަ ޕޭޖަކުން ވެސް ސްކޭމް ހިންގާތީ އެކަން ވެސް އާންމުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. ބޮޑެތި ބަލިތަކާ ގުޅުވައި އެހީގެ ޕޯސްޓުތައް ކުރާ އެ ޕޭޖަކީ އެތައް ހާސް ދިވެހިންނެއް ފޮލޯކުރާ ޕޭޖެކެވެ. އަދި އެއަށް ކުރާ ޕޯސްޓުތައް ވެސް އެތައް ސަތޭކަ ބަޔަކު ޝެއާކޮށްފައި ހުރެ އެވެ.