ކުރީ އަހަރުތަކޭ އެއްގޮތަށް މިއަހަރު ވެސް ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް، ހަނދު ފެނިއްޖެ ނަމަ އެކަން އެންގުމަށާއި އެކަމާ ގުޅޭ ގޮތުން ހެކިބަސް ދިނުމަށް އައުމާއި ދިއުމުގެ ހަރަދުތައް ހަމަޖައްސައިދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ. 

އީދަށް ހަނދު ބެލުން އޮންނާނީ މި އަންނަ ހަފްތާގެ ބުދަ ދުވަހު އެވެ. 

ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރަން ޖެހޭނީ މާލޭގައި ނަމަ، މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގަ އެވެ. އަދި އެހެން ރަށެއްގައި ނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ ކުރިމަތީގަ އެވެ. 

ޑީޖޭއޭ އިން ބުނި ގޮތުގައި މެޖިސްޓްރޭޓެއް ގާއިމުވެ ނެތް ރަށެއް ނަމަ، އެ ވަގުތަކު އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިމަތީގައި ހެކިބަސް ދެވޭނެ އެވެ. 

އެ އިދާރާ އިން ބުނީ ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި ދިއުމުގެ ހަރަދު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ހަނދު ފެނިގެން އެ މައުލުމާތު ދޭއިރު ގާތްގަނޑަކަށް ހަނދު ހުރި އުސްމިނާއި މިސްރާބާއި އަދި އެ ނޫންވެސް އެފަދަ މައުލޫމާތު ދޭންޖެހޭ ކަމަށް ވެސް ބުންޏެެވެ.

ޑީޖޭއޭ އިން ބުނީ ޝައްވާލު މަހުގެ ހަނދުގެ މައްސަލާގައި ވަކި ގޮތެއް ނިމެންދެން 18 މާޗުވާ ބުދަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން އެ އިދާރާ އާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި ރަށު ކައުންސިލު އިދާރާތަކާއި އަތޮޅު ކައުންސިލުތައް ވެސް ހުޅުވާފައި ހުންނާނެ ކަމަށެވެ. 

އެހެންވެ، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީއެންމެ އަވަހަކަށް ހަނދާ ބެހޭ މައުލޫމާތު ދިނުމަށް އެދިފައިވެ އެވެ. 

 މި  ރަމަޟާން މަހަކީ ކަލަންޑަރުން އަދި ހިސާބުތަކުން ވެސް ދައްކާ ގޮތުން 30 ދުވަހުގެ މަހެކެވެ. ކަލަންޑަރުގައި މިހާރު އޮތް ގޮތުން ފިތުރު އީދު ދުވަހަށް ވާނީ އަންނަ ހަފްތާގެ ހުކުރު ދުވަހެވެ.