ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ "ވިޒިޓް މޯލްޑިވްސް އިޔާ 2027" ގެ ބްރޭންޑިންގެ މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ. 

"ވިޒިޓް މޯލްޑިވްސް އިޔާ 2027" އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރައްވާފައިވާ ކަމެކެވެ. އެ މަސައްކަތުގެ ބްރޭންޑިންގެ މަސައްކަތްކުރާނެ ބަޔަކު ހޯދަން މިދިޔަ ފެބްރުއަރީ މަހުގެ 10 ގައި ވެސް އިއުލާނުކުރި އެވެ.

މިނިސްޓްރީން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތްކުރުމުގެ ގާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން ޓާމްސް އޮފް ރިފަރެންސާއި މައުލޫމާތު ޝީޓް އަދި ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުށަހަޅަންވާނެ ކަމަށެވެ. 

އެ މަޝްރޫއުއާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ މިމަހުގެ 24 ވާ އަންގާރަ ދުވަހުގެ 11:00 ގައި އެ މިނިސްޓްރީގަ އެވެ. އަދި އެކަމާ ގުޅޭ ބީލަން ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ 10:00 ގަ އެވެ. ބީލަން ހުޅުވާނީ ހަމަ އެ ދުވަހުގެ 10:05 ގަ އެވެ. 

މިިނިސްޓްރީން ބުނި ގޮތުގައި ގަޑިޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެ އެވެ. 

އެ ބީލަންތައް ހުށަހަޅަން ޖެހެނީ ސިޓީ އުރައެއްގައި، އޭގެ ބޭރުގައި ބީލަމަށް ދީފައިވާ ނަމާއި ހުޅުވަން ކަނޑައަޅާފައިވާ ތާރީހާއި ވަގުތާއި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އީމެއިލް އެޑްރެސް އަދި ގުޅޭނެ ނަމްބަރު ވެސް ލިޔެފަ އެވެ.

ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެ ކަމަށް ވެސް ބުންޏެވެ. 

އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ އީމެއިލަށް މެއިލް ކުރުމަށް އެދިފައިވެ އެވެ. 

އަންނަ އަހަރަކީ ޓޫރިޒަމްގެ އަހަރު ގޮތުގައި ފާހަގަކުރުމަށް ރައީސް ނިންމަވާފައިވާއިރު، ރާއްޖޭގައި ޓޫރިޒަމްގެ ވިޔަފާރި ފެށިތާ 55 އަހަރު އަންނަ އަހަރު ވާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި "ވިޒިޓް މޯލްޑިވްސް އިޔާ 2027" ފާހަގަކުރާނީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއްކުންތަކާއި ކާބަފައިގެން ވާހަކަތައް ކުރިއަށް ނެރެގެން ކަމަށެވެ. ރާއްޖޭގެ އެކި ރަށްރަށް ހާއްސަވާ ސަބަބުތައް ވެސް ޓޫރިސްޓުންނަށް ކިޔައިދީ، އަންގައިދޭނެ އެވެ. 

ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިިޔަލަށް ރާއްޖެއަށް 2.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ. 

މިދިޔަ އަހަރު ރާއްޖެ 2.2 މިލިޔަން ޓޫރިސްޓުން އަޔެވެ. އަދި 5.5 ބިލިއަން ޑޮލަރާ އެކު، މިދިޔަ އަހަރު ރާއްޖެއަށް ޓޫރިޒަމުން ވަނީ ރެކޯޑް އާމްދަނީއެއް ވެސް ލިބިފަ އެވެ.