ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރައްވާފައިވާ "ވިޒިޓް މޯލްޑިވްސް އިޔާ 2027" ބްރޭންޑިންގެ މަސައްކަތްކުރާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނީ އަންނަ އަހަރު ފާހަގަކުރާ "ވިޒިޓް މޯލްޑިވްސް އިޔާ 2027" ބްރޭންޑިންގެ ހުރިހާ މަސައްކަތެއް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. 

ބީލަން ހުށަހަޅާނީ މި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން މިިނިސްޓްރީގެ ރިސެޕްޝަނަކަށް ކަމަށާއި ބީލަން ހުޅުވުން އޮންނާނީ ހަމަ އެ ދުވަހު ހެނދުނު 10:35 ގައި މިނިސްޓްރީގެ އިދާރާގައި ކަމަށް އެ އިއުލާނުގައި ބުންޏެވެ.

އަންނަ އަހަރަކީ ޓޫރިޒަމްގެ އަހަރު ގޮތުގައި ފާހަގަކުރުމަށް ރައީސް ނިންމަވާފައިވާއިރު، ރާއްޖޭގައި ޓޫރިޒަމްގެ ވިޔަފާރި ފެށިތާ 55 އަހަރު އަންނަ އަހަރު ވާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި "ވިޒިޓް މޯލްޑިވްސް އިޔާ 2027" ފާހަގަކުރާނީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއްކުންތަކާއި ކާބަފައިގެން ވާހަކަތައް ކުރިއަށް ނެރެގެން ކަމަށެވެ. ރާއްޖޭގެ އެކި ރަށްރަށް ހާއްސަވާ ސަބަބުތައް ވެސް ޓޫރިސްޓުންނަށް ކިޔައިދީ، އަންގައިދޭނެ އެވެ. 

ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިިޔަލަށް ރާއްޖެއަށް 2.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ. 

މިދިޔަ އަހަރު ރާއްޖެ އައިސްފައި ވަނީ 2.2 މިލިޔަން ޓޫރިސްޓުންނެވެ. އަދި 5.5 ބިލިއަން ޑޮލަރާ އެކު، މިދިޔަ އަހަރު ރާއްޖެއަށް ޓޫރިޒަމުން ވަނީ ރެކޯޑް އާމްދަނީއެއް ވެސް ލިބިފަ އެވެ.