ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) 2026 ގެ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" ގެ ލަގަބު ހަތް ވަނަ ފަހަރަށް ކާމިޔާބު ކުރުމުގެ ތާރީހީ ރެކޯޑެއް ގާއިމުކުރަން ރާއްޖެއިން އަމާޒު ހިފާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެފި އެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދީ އެވޯޑްތަކުގައި ރާއްޖެއިން ހޯދި ބޮޑު ކާމިޔާބީއަށްފަހު ދުނިޔޭގެ ފެންވަރުގެ ފަސް ދާއިރާއަކުން ވޯޓުލުން މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް 2026ގެ ވޯޓުލުން ހުޅުވާލާފައި ވަނީ މިމަހުގެ 30 ގެ ނިޔަލަށެވެ.
ވޯޓުލުމަށްޓަކައި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓަށް ޒިޔާރަތްކޮށް، ރެޖިސްޓަރީވުމަށްފަހު، "ވޯލްޑް" ކެޓަގަރީ އިހްތިޔާރުކޮށް، ރާއްޖެ ނޮމިނޭޓްވެފައިވާ ފަސް ދާއިރާއަށް ވޯޓު ލެވޭނެ އެވެ.
ރާއްޖެއިން އަންނަނީ 2020 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ ހަ އަހަރު ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ މަގާމު ދަމަހައްޓަމުންނެވެ. އަދި ވިޒިޓް މޯލްޑިވްސް އިން ބުނީ، އެ ކާމިޔާބީ ހަތްވަނަ އަހަރަކަށް ދަމަހައްޓައިގެން ދުނިޔޭގެ ޓޫރިޒަމްގެ ދާއިރާގައި ރާއްޖެއަށް އޮތް އިތުބާރާއި މަގުބޫލުކަން އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށެވެ.
ވޯލްޑް ޓެރެވަލް އެވޯޑްސް 2026ގައި ރާއްޖެ ނޮމިނޭޓްވެފައިވާ އެވޯޑްތައް:
1. ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން
2. ވޯލްޑްސް ލީޑިން ޑައިވް ޑެސްޓިނޭޝަން
3. ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަން
4. ވޯލްޑްސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން
5. ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑު - ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
އެ ފަސް ދާއިރާއިން ރާއްޖެ ނޮމިނޭޓްވެފައިވަނީ ކްރޮސްރޯޑް މޯލްޑިވްސްގައި ދާދިފަހުން ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ އޭޝިއާ އާއި އޯޝޭނިއާ އަދި އިންޑިއަން އޯޝަންގެ ސަރަހައްދީ ގާލާ ހަފުލާގައި ރާއްޖެއަށް ލިބުނު ކާމިޔާބީތަކާ އެކު ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.
ޖެހިޖެހިގެން ހަ އަހަރު ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ މަގާމު ރާއްޖެއަށް ލިބިފައިވަނީ ރާއްޖޭގެ ރީތި ރަށްތަކާއި ސާފު ފަޅުތަކާއި ކަނޑުއަޑީގެ ދިރުންތަކުގެ އިތުރުން ދިވެހިންގެ މެހެމާންދާރީ އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ މަސައްކަތުން ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.
ވޯލްޑް ޓްރެވަލް އެވޯޑަކީ 1993 ވަނަ އަހަރުން ފެށިގެން ދެމުންދާ ޓޫރިޒަމް ދާއިރާގައި ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑެވެ. އަދި މި އެވޯޑުގެ ނަތީޖާ ކަނޑައަޅަނީ އެ ދާއިރާގެ ފަންނީ ބޭފުޅުންނާއި އާންމުންގެ ވޯޓުންނެވެ.