"ވިޒިޓް މޯލްޑިވްސް އިޔަ 2027" ގެ ޝިއާރު ކަމަށްވާ "އައިލެންޑްސް އާ އަސް" ރަސްމީކޮށް ލޯންޗުކޮށްފި އެވެ.
ބާސެލޯ ނަސަންދުރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ޝިއާރު އިފްތިތާހު ކުރުމުގައި މަޓީ، އެންއެޗްޖީއޭއެމް އާއި އެންބީއޭއެމް އާއި މަޓާޓޯ އަދި މާޔާ ގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތަކީ ވިޒިޓް މޯލްޑިވްސް އިން ކުއާޓަލީ އިންސައިޓްސްގެ ނަމުގައި ބޭއްވި މިއަހަރުގެ ތިން ވަނަ ބައްދަލުވުމެވެ. އެ ބައްދަލުވުމުގައި ޓޫރިޒަމް ދާއިރާގެ ސްޓޭކްހޯލްޑަރުންނާއި އެ ދާއިރާގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތައް ބައިވެރިވި އެވެ. އަދި ދާއިރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ވެސް އާންމުކޮށްފައިވެ އެވެ.
މި ބައްދަލުވުމުގައި ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވީ، ޓޫރިޒަމް ދާއިރާ ކުރިއަރުވަން ޓޫރިސްޓުންގެ އާދަކާދަތަކަށް އަންނަ ބަދަލުތަކާއި މާކެޓްގެ ހާލަތާއި ވައިގެ ދަތުރުފަތުރުގެ ގުޅުންތަކަށް އަންނަ ބަދަލުތައް ދެނެގަތުން ވަރަށް މުހިއްމު ކަމަށެވެ.
"ޓޫރިޒަމަކީ ވަރަށް ހަލުވިކަމާއެކު ބަދަލުވަމުންދާ ދާއިރާއެއް. ޓޫރިސްޓުންގެ ދަތުރުކުރުމަށް އަންނަ ބަދަލުތަކާއި، ބާޒާރުގެ ހާލަތްތަކައް އަންނަ ބަދަލުތައް، އަދި ވައިގެ މަގުން ގުޅާލެވޭ ގޮތްތަކަށް ބަދަލު އައިސް އައު ފުރުސަތުތަކެއް އުފެދޭ. އަޅުގަނޑުމެންގެ މާކެޓިން ހަރަކާތްތައް ހިންގަންވާނީ މި ހަގީގަތްތަކާ އެއްގޮތްވާގޮތުގެ މަތިން،" އޭނާ ވިދާޅުވި އެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. ޓޫރިޒަމް ދާއިރާ ޕްރޮމޯޓް ކުރުމުގައި ވިޒިޓް މޯލްޑިވްސް އިން އަންނަނީ ތަފާތު ކެމްޕެއިންތައް ހިންގަމުންނެވެ. އަދި ދުނިޔޭގެ މަޝްހޫރު ޓްރެވަލް ފެއާތަކުގައި ވެސް އަންނަނީ ބައިވެރިވަމުންނެވެ.