ޖަރުމަނުގެ މަޝްހޫރު އެއާލައިން، ކޮންޑޯ އިން ޔޫރަޕުގެ ހޫނު މޫސުމާ ދިމާކޮށް ރާއްޖެއަށް ދަތުރުތައް އަލުން ފަށަން ނިންމައިފި އެވެ.
މިއީ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، ހޫނު މޫސުމާ ދިމާކޮށް އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ބާއްވާ ފުރަތަމަ ފަހަރެވެ.
ކޮންޑޯ އިން އާންމުކޮށްފައިވާ "ސަމަ 2026" ޝެޑިއުލްގައިވާ ގޮތުގައި، އަންނަ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ޖަރުމަނުގެ ފްރޭންކްފަޓުން ރާއްޖެއަށް ހަފުތާއަކު ހަތަރު ފްލައިޓް ބާއްވާނެ އެވެ. އެ ދަތުރުތައް އޮންނާނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.
އެ ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ އެންމެ ފަހުގެ އޭ330-900 ނިއޯ މަރުކާގެ ބޯޓުތަކެވެ. އެއީ ތިމާވެއްޓާ ރައްޓެހި އަދި ދަތުރުވެރިންނަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ ބޯޓުތަކެކެވެ.
ވިޒިޓް މޯލްޑިވްސްގެ ވެބްސައިޓުގައި ބުނި ގޮތުގައި، ކޮންޑޯގެ މި ނިންމުމަކީ ޖަރުމަނުގެ މާކެޓުން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުކުރުމަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. ޖަރުމަނަކީ ރާއްޖޭގެ ޓޫރިޒަމްގެ މާކެޓުގައި އަބަދުވެސް އެންމެ ކުރީގައި އުޅޭ އެއް ގައުމެވެ.
ކޮންޑޯ އެއާލައިނަކީ 1981 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ދަތުރުތައް ކުރަމުން އަންނަ، ރާއްޖޭގެ ޓޫރިޒަމްގެ ދިގު ތާރީހެއް އޮތް އެއާލައިނެކެވެ. އެކަމަކު، މީގެ ކުރިން އެ އެއާލައިނުން ކުރަނީ ޗާޓަރު ދަތުރުތަކެވެ.
މެދުއިރުމަތީގައި ހިނގާ ހަނގުރާމައާ ގުޅިގެން ޔޫއޭއީ އާއި ގަތަރުގެ ވައިގެދަތުރުފަތުރަށް ބުރޫއަރާފައި ވާތީ، ޔޫރަޕުން ރާއްޖެއަށް ޓްރާންސިޓުގައި އަންނަ ޓޫރިސްޓުންނަށް ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ.
އެ މައްސަލަ ހައްލުކުރުމަށް ޔޫރަޕުގެ އެއާލައިންތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ބޭއްވުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވެސް ބުނެފައިވެ އެވެ.