އިތުރު ތިން ގައުމަކުން މީހުން އައުން މަނާކޮށްފި

ކޮވިޑް-19 ފެތުރޭތީ މިރެއިން ފެށިގެން ސްޕެއިންގެ އެއްވެސް ސަރަހައްދަކުން ރާއްޖެއަށް މީހުން އައުން މަނާކުރުމަށާއި އަދި ޖަރުމަނާއި ފްރާންސްގެ ވަކި ސަރަހައްދުތަކަކުން މީހުން އައުން މަނާކުރުމަށާއި ރިސޯޓްތަކަށް ދަތުރުކުރުން މަނާކުރަން ސަރުކާރުން ނިންމައިފި އެވެ.


ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ވެސް ވަނީ ފެނިފަ އެވެ. އެ ބަލި ހުރި 10 މީހަކު ރާއްޖެއިން ފެނުމާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޚާއްސަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. މީގެކުރިން ވެސް ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށެވެ.

ސަރުކާރުން މިއަދު ނިންމާފައިވަނީ ސްޕެއިންގެ އެއްވެސް ސަރަހައްދަކުން މީހުން ރާއްޖެ ނާދެވޭ ގޮތަށް ހެދުމަށާއި ފްރާންސާއި ޖަރުމަނުގެ ވަކި ސަރަހައްދުތަކުން މީހުން އައުން މަނާ ކުރުމަށެވެ. އެކަމަކު އެ ސަރަހައްދުތަކަކީ ކޮބައިކަން ސަރުކާރުން އަދި އާންމެއް ނުކުރެ އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރިސޯޓްތަކަށް އަރައި، ފޭބުން މަނާކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށާއި އެކަމުގެ ސަބަބުން ދަތިތަކެއް މިހާރު ކުރިމަތިވިޔަސް، އެކަމަށް ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދޭން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަންކަން ސަރުކާރުގެ މޮނިޓާ ކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މޮނީޓާ ކުރާނަން. ކޮންމެ ރިސޯޓެއްގެ މެނޭޖްމަންޓުން މިކަންކަމުގެ ޒިންމާ ވެސް އުފުލަންވާނެ. މިހާރު ވެސް އަޅުގަނޑުމެންނަށް ރަނގަޅީ ދަތުރު ނުކުރުން. އެހެން ނަމަވެސް ކަޓް އޮފް ޓައިމަކީ 6. އޭގެފަހުން އެއްވެސް މީހަކު ރިސޯޓަކުން އެހެން ރަށަކަށް އަދި އެހެން ރަށަކުން ރިސޯޓަކަށް، ސްޓާފަކު ވިޔަސް ފަތުރުވެރިއަކު ވިޔަސް ދަތުރު ކުރުމަކީ މަނާ ކަމެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާ އެންގުންތަކަށް ހުރިހާ ފަރާތްތަކުން އަމަލު ކުރަން އެދިވަޑައިގަންނަވާ ކަމަށާއި އެއާ ޚިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ސަރުކާރުން ހަަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

މީގެކުރިން ރާއްޖެއަށް މީހުން އައުން މަނާ ކޮށްފައިވަނީ ޗައިނާ އާއި އިޓަލީ އާއި ބަންގްލާދޭޝް އާއި އީރާންގެ އިތުރުން ދެކުނު ކޮރެއާއިންނެވެ.

ބައެއް ގައުމުތަކުން މީހުން ރާއްޖެ އައުން މަނާކޮށް، ރިސޯޓްތަކަށް ދަތުރު ކުރުން މަނާ ކުރިއިރު، މިރެއިން ފެށިގެން މާލެ ސަރަހައްދުގެ އެއްވެސް ހޮޓާތަކާއި ގެސްޓްހައުސްތަކާއި ފަތުރުވެރިން ގެނައުން މިރޭ 12 އިން ފެށިގެން މަނާ ކުރަން ވަނީ ނިންމައިފަ އެވެ. އެކަމަކު ކުރިން ބުކިން ހައްދާފައި ތިބި ފަތުރުވެރިންނަށް އެ މުއްދަތު ހަމަ ވަންދެން އެތަންތަނުގައި ތިބެވޭނެ އެވެ.