ގިނަ އަދަދެއްގެ ޑްރަގާއެކު ލ. މާވަށުން މީހަކު ހައްޔަރު ހައްޔަރު ކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެ ރަށު ބޭސްގެ، މުހައްމަދު އިބްރާހީމް، 43، އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މާވަށުން ޑްރަގް ނައްތާލައި، ސާފު ރަށަކަށް ހެދުމަށް އެ ރަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ މާވަށު ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާމެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު ޑްރަގް ކަމަށް ބެލެވޭ އެއްޗެއްހުރި 63 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނަގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.