ހުތުބާ ކިޔުމާއި އިމާމްވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް އިސްލާމިކް މިނިސްޓްރީން ދީފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ އދ. މާމިގިލީގައި ބޭއްވި ޒުވާން ހަތީބުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި 26 ހަތީބުން ސަނަދު ހާސިލްކޮށްފައިވާ ކަމަށެވެ.

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ހުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނީ އެހެން ތަމްރީނުތައް ވެސް އުގަންނައިދެ އެވެ. 

ޒުވާން ހަތީބު ކަމުގެ ޕްރޮގްރާމު މިފަހަރު ފުރިހަމަ ކުރި ކުދިންތަކެއް--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒުވާން ހަތީބު ކަމުގެ ޕްރޮގްރާމު މިފަހަރު ފުރިހަމަ ކުރި ކުދިންތަކެއް--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ ގްރޭޑް 10 ގައި ކިޔަވާ ކުދިންނާއި އޭލެވެލް ހަދާ ކުދިންގެ އިތުރުން ސްކޫލް ނިންމާފައި ތިބި ޒުވާނުންނަށެވެ. 

މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މިދިޔަ ނޮވެމްބަރުގައި އާންމުކުރި ބުކްލެޓްގައިވާ ގޮތުން ތިން ބުރެއްގެ މަތިން 270 ކުދިން ހުތުބާ ކިޔުމާއި އިމާމްވެ ހުކުރު ކުރުމަށް ތަމްރީނު ކޮށްފައިވެ އެވެ.

ޒުވާން ހަތީބު ކަމުގެ ޕްރޮގްރާމް ފުރިހަމަ ކުރި ކުދިންތަކެއް--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒުވާން ހަތީބު ކަމުގެ ޕްރޮގްރާމް ފުރިހަމަ ކުރި ކުދިންތަކެއް--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސަރުކާރުން އަމާޒު ހިފާފައި ވަނީ މި ދައުރުގެ ތެރޭގައި 1،000 ހަތީބުން ތަމްރީނު ކުރުމަށެވެ.

އިސްލާމިކް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައި ވަނީ އެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަަމަށެވެ.