މިފްކޯ އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިއެކޭ ވެސް އެއްގޮތަށް ދެމެހެއްްޓުމަށް އެ ކުންފުނިން ނިންމައިފި އެވެ. 

މިފްކޯ އިން ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާ އެކު އެސްޓީއޯ އިން ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގަށް ވެސް ބަދަލުތަކެއް ގެނައި ކަމަށެވެ. އެހެންވެ، މިފްކޯ އިން ވެސް މަސް ގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުން ވިއްކާ ޑީސަލުގެ އަގަށް ވެސް ބަދަލު ގެނައިކަން އިއްޔެ އިއުލާނުކުރި އެވެ. 

އެކަމަކު އެސްޓީއޯގެ ނިންމުން މުރާޖައާކޮށް ނިންމާފައި ވަނީ ސަރުކާރުން މަސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "ފަހި ހަކަތަ" ޕްރޮގްރާމުގެ ދަށުން ސަބްސިޑީ ދީފައިވާ އަގުތަކުގައި ތެޔޮ ވިއްކާށެވެ.

އެ ބަދަލާ ގުޅިގެން މިފްކޯ އިން ބުނީ އެ ކުންފުނިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިއެކޭ އެއްގޮތަށް ދަމަހައްޓާފައިވާ ކަމަށެެވެ.

އެ ކުންފުނިން ބުނި ގޮތުގައި މާޗު 5 ގައި އިއުލާނުކުރި ގޮތަށް، މަސްކިރާ އުޅަނދުފަހަރަށް 16.54ރ. އަށް ޑީސަލް ލީޓަރެއް ލިބޭނެ އެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް ކިރާ ނަމަ، 16.04ރ. އަށް ޑީސަލް ލީޓަރެއް ލިބޭނެ އެވެ.

ކުރިއެކޭ ވެސް އެއްގޮތަށް، މިފްކޯއިން ޑީސަލް ގަންނަ އާންމު ފަރާތްތަކަށް ވިއްކަމުންދާނީ ލީޓަރެއް 17.54 ރުފިޔާގެ މަގުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެެ.

މިފްކޯއިން އިން ބުނީ މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ގެނައި އެ ބަދަލަކީ މި ދަނޑިވަޅުގައި މަސްވެރިންނަށް ވީހާވެސް ތަކުލީފު ކުޑަ ގޮތަކަށް ކަންކަން ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.