ވޮޝިންޓަން (އެޕްރީލް 9) - ސީރިއާގައި އެމެރިކާ އިން އެންމެ އިސްކަން ދެނީ އިސްލާމިކް ސްޓޭޓް (އައިއެސް) ބަލިކޮށްލުމަށް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވެއްޖެ އެވެ.

"އައިއެސް ބަލިކޮށްލުމުން އެ މީހުންގެ ބިރު ފިލައިގެން ދަނީ ހަމައެކަނި އެމެރިކާއަކަށް ނޫން. އެއީ މުޅި ސަރަހައްދުގެ ހަމަޖެހުމާ ވެސް ގުޅިފައިވާ ކަމެއް،" ސީބީއެސް ޓީވީގައި ވާހަކަ ދައްކަވަމުން ޓިލަސަން ވިދާޅުވި އެވެ. "ސީރިއާގެ ހާލަތު ހަމައަކަށް އެޅުވުމުގެ މަސައްކަތް ކުރެވޭނީ ވެސް އައިއެސް ބަލިކޮށްލެވިގެން."

ޓިލަސަން ވިދާޅުވީ ސީރިއާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސް ސިޔާސީ މަޝްވަރާ އަށް ހުރިހާ ފަރާތްތައް ގެނެވޭނެ ކަމަށެވެ. އަދި މިފަދަ މަޝްވަރާތަކުގައި ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ފަރާތުން ބައިވެރިވުން މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.

ސީރިއާ އަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން ރަޝިޔާ އިން ރައްދުދޭ ގޮތާ މެދު ކަންބޮޑު ނުވާ ކަމަށް ވެސް ޓިލަސަން ވިދާޅުވި އެވެ.

ސީރިއާގައި އައިއެސްގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާ ހިފަން މިހާރު ދަނީ ވަރުގަދަ އަށް ހަނގުރާމަ ކުރަމުންނެވެ. އިރާގުން އައިއެސް ބަލި ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ އެންމެ ފަހު މަރުހަލާގަ އެވެ.