މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ލެޑް ސްކްރީނެއް ހަރުކޮށް، ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތާއި މުޖުތަމައުއަށް ފައިދާ ހުރި އެހެން ޕްރޮގްރާމުތައް ފެންނާނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
މި އަހަރު ވޯލްޑް ކަޕް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި އޮންނަނީ ޖޫން 11 އިން ޖުލައި 19 އަަށެވެ. މެޗުތައް ކުޅޭނީ ރާއްޖޭ ގަޑިން މެންދަމު 12:00 އާއި ހެނދުނު 6:00 އާ ދެމެދު އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެކަން ކޮށްދިނުމަށް ޝައުގުވެރިވާ މީހުންނަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ކައުންސިލުން ވަނީ އެކަމަށް ޝައުގުވެރިވާ ނަމަ މިމަހުގެ 29 ވަނަ ދުވަހު މައުލޫމާތު ސާފުކުރުމަށް މާލެ ސިޓީ ކައުންސިލް ހޯލަށް ދިއުމަށް އެދިފަ އެވެ. އަގު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ 10:00 ގައި ކައުންސިލު އިދާރާގައި ކަމަަށް ބުންޏެވެ.
ކައުންސިލުން ބުނި ގޮތުގައި އެ ވަގުތުގެ ފަހުން މައުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން ބަލައެއްނުގަންނާނެ އެވެ.
އެ ބީލަމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް އަދި ލޯކަލް އިންވެސްޓްމަންޓާއި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.