ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވިއިރު އެއްވެސް އޮފިސަރަކު ހުށަނޭޅުއްވުމުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރު ފުރުސަތެއް ދީފި އެވެ.
ހޯމް މިނިސްޓްރީން މި މަހުގެ ފަސް ވަނަ ދުވަހު ނެރުނު އިއުލާނުގައި ވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިން ފެށިގެން މަތީ ރޭންކުތަކުގައި މި ވަގުތު ތިއްބެވި އޮފިސަރުންގެ ތެރެެއިން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.
ނަމަވެސް، އެ މުއްދަތު މިއަދުގެ މެންދުރު ދޭއް ޖެހުމާ ހަމައަށް ހަމަވިއިރު އެއްވެސް ބޭފުޅަކު ކުރިމަތި ނުލެއްވި އެވެ.
އެހެންވެ، ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައިވާ ގޮތުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު އެކެއް ޖެހުމާ ހަމަށް ވަނީ ފުރުސަތު އިތުރުކޮށްފަ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ކުއްލި ގޮތަކަށް ރިޓަޔަކުރެއްވުމާ އެކު އެވެ. މިހާރު އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.
ކޮމިޝަނަރުގެ މަގާމު ހުސްވާ ހާލަތުގައި އެ މަގާމަށް ޑެޕިއުޓީ ސީޕީއަކަށް ހުންނަވާ ބޭފުޅަކު ވަގުތީ ގޮތުން އައްޔަންވާން ޖެހެ އެވެ. އެހެންވެ، މިހާރު އެ މަގާމުގައި ހުންނެވީ ފަރުހާދު އެކަންޏެވެ.
މި ސަރުކާރުގައި ޕޮލިސް ކޮމިޝަނަރަކު ރިޓަޔަކުރެއްވި މިއީ ދެވަނަ ފަހަރެވެ. ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ވެސް ވަނީ ރިޓަޔާ ކުރައްވައިފަ އެވެ.