އަވަސް އަވަހަށް ޕޮލިސް ކޮމިޝަނަރުން ބަދަލުވުމަކީ ފުލުހުންގެ މުއައްސަސާ އަށް އާއްމުންގެ އިތުބާރު ކުޑަވާނެ ކަމެއް ކަމަށް، ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތުގައި 32 އަހަރު ހޭދަކުރެއްވުމަށްފަހު، ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އިއްޔެ ރިޓަޔާ ކުރެއްވުމުން، ކުރީގެ ސީޕީ ހަމީދުގެ ބްލޮގުގައި އާއްމުކުރެއްވި ލިޔުމުގައި ވިދާޅުވީ ދެ އަހަރާ ބައިގެ ތެރޭގައި ޕޮލިސް ތިން ކޮމިޝަނަރުން އައްޔަން ކުރުމަކީ ޕްރޮފެޝަނަލް ތަނަކަށް ފުލުހުންގެ އިދާރާ ހެދުމަށް ކުރާ މަސައްކަތުގައި އާދައިގެ ކަމެއް ނޫން ކަމަށެވެ.

އެއީ އިދާރާގެ ސްޓެބިލިޓީއާ މެދު ވިސްނާ ކޮންމެ މީހަކު ވެސް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް، މިދިޔަ ސަރުކާރުގައި ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި ހަމީދު ވިދާޅުވި އެވެ.

ލީޑަޝިޕް ބަދަލުތަކުގެ ސަބަބުން ޕޮލިސީތައް ކުރިއަށް ގެންދަން ބުރޫއަރާ ކަމަށާއި އޭގެ ސަބަބުން ހުރިހާ ފަންތިއަކަށް އަސަރުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެއާއެކު އޮޕަރޭޝަނަލް ކްލެރިޓީ ދަށްވޭ. ކޮމާންޑް ސްޓްރަކްޗާގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ. އިދާރާ ހަރުދަނާ ކުރުމުގެ މަސައްކަތް ލީޑާޝިޕް ބަދަލުވުމުން ލަސްވޭ. ސިޔާސަތުތައް އަބަދުވެސް ބަދަލުވޭ،" ހަމީދު ވިދާޅުވި އެވެ.

"..އޭގެ ސަބަބުން އާންމުންގެ އިތުބާރު ގެއްލޭ. އެ މުއައްސަސާ ހިންގަނީ ގައުމީ މަސްލަހަތަށްތޯ ނުވަތަ ސިޔާސީ ތަނަވަސްކަމެއްތޯ މީހުން ސުވާލު އުފައްދަން ފަށާ."

މި ސަރުކާރުގައި ޕޮލިސް ކޮމިޝަނަރަކަށް އެންމެ ފުރަތަމަ އައްޔަންކުރެއްވީ އަލީ ޝުޖާއު އެވެ. ނަމަވެސް، ފުރާޅު މަތިން ވެއްޓިފައި އޮއްވާ ފެނުނު ޒުވާނާގެ މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހިގެން ފެށި މުޒާހަރާތައް ހޫނުވުމާ އެކު ޝުޖާއު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އޭގެ ފަހުން، ޕޮލިސް ކޮމިޝަނަރަކަށް ނަވީން އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. 

ހަމީދު ވަނީ ފުލުހުންގެ އިދާރާއަށް ގެންނަން ނިންމާފައިވާ ބަދަލުތަކާ މެދު ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. 

އޭނާ ވިދާޅުވީ ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަޝްވަރާތައް ފަށައި ފުލުހުންގެ ބޯޑު އުވާލުން ނުވަތަ އެ ބޯޑުގެ ބާރުތައް ހަނިކުރުމާއި ކޮމިޝަނަރުންނާއި ޑެޕިއުޓީ ކޮމިޝަނަރުން އައްޔަން ކުރުމުގައި ސެންޓްރަލައިޒްކޮށް ކޮންޓްރޯލް ކުރުމާއި އިސްވެރިން އައްޔަން ކުރާއިރު ދެފުށް ފެންނަ އަދި ވާދަވެރި ޕްރޮސެސްތައް ނައްތާލުން އަދި ލޯކަލް ޕޮލިސިން ބާރުވެރިކުރުވުމުގެ ބައިތައް ބަދަލުކުރުން ހިމެނޭ ކަމަށެވެ.

"ހަމައެގޮތަށް ސަރަހައްދީ އޮނިގަނޑުތަކުގެ މިނިވަންކަން ކުޑަކުރުމަކީ ކޮމިއުނިޓީ ފޯކަސްޑް ޕޮލިސިން ކުރިއެރުވުމަށް ހުރަސްއެޅޭ ކަމެއް. މިއީ ކުޑަ ޓެކްނިކަލް ބަދަލެއް ނޫން. އެއީ ސިޔާސީ ބާރާއި މުއައްސަސާގެ މިނިވަންކަމާ ދެމެދު ބެލެންސް ބަދަލުކުރާ ސްޓްރަކްޗަރަލް ޝިފްޓްތަކެއް،" ހަމީދު ވިދާޅުވި އެވެ.