ސުންނީ ނުވަތަ ޝީއާ މުސްލިމެކޭ އަދުއްވުން ކިޔަނީ މުސްލިމުން ބައިބައިކުރަން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސުންނީ މުސްލިމަކަށް ވިއަސް ނުވަތަ ޝީއާ މުސްލިމް ނުވަތަ ސަލަފީ މުސްލިމަކަށް ވިއަސް އެ އެންމެންނަކީ ވެސް މުސްލިމުން ކަމަށެވެ.

އެ ގޮތަށް ވަކިން ލޭބަލްކޮށް އެއްޗެހި ކިޔަނީ ބައިބައިކުރަން ކަމަށް މައުމޫން ވިދާޅުވި އެވެ.

"ޖަދަލުކޮށް އެކަކު އަނެކަކު ކުށްވެރިކޮށް ކާފިރު ކުރުމަކީ ރަހުމަތުގެ ދީނުގެ ސިފައެއް ނޫން،" އެ މަނިކުފާނު ކުރެއްވި އެހެން ޕޯސްޓެއްގައި ވެ އެވެ.

އެމެރިކާ އާއި އިޒްރޭލުން ބައިވެރިވެ މި ފަހުން އީރާނަށް ދޭން ފެށި ހަމަލާތަކުގައި އީރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ އަވަހާރަވުމުން، ސުންނީ އަދި ޝީއާ މުސްލިމުންގެ ބަހުސް ވަނީ ފެށިފަ އެވެ.

މި ފަހުން އެ ވާހަކަތައް އިތުރަށް ބޮޑުވީ، ދީނީ އިލްމުވެރިޔާ އަހުމަދު ސަމީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

ސަމީރު، 60،000 އަށްވުރެ ގިނަ މީހުން ފޮލޯކުރާ އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ އީރާނުގެ ދީނީ މުރުޝިދު ހުމައިނީ އާއި ހާމަނައީގެ ފޮތްތަކުގައި ސަރީހަކޮށް ލިޔެ ފާޅުކޮށް ބަޔާންކޮށްފައިވާ ވާހަކަތަކުން، އެ ދެ މީހުންނަކީ ސަހާބީންނަށް ބަދު ބަސް ބުނާ، ޝީއީ މަޒުހަބުގެ ބާތިލް އަގީދާގައި ދެމިތިބި ދެ މީހުންކަން އެނގި ކަށަވަރުވި ކަމަށެވެ. 

އެ ދެ މީހުންނަކީ ވެސް އާއިޝަތުގެފާނާއި ހަފްސަތުގެފާނާއި އަބޫބަކުރުގެފާނާއި އުމަރުގެފާނާއި އުސްމާނުގެފާން އަދި އެނޫން ވެސް ސަހާބީންނަށް މަކަރާއި ހީލަތާއި ހިޔާނާތް ނިސްބަތް ކުރުމާއި އެ ބޭކަލުންނަކީ ފުރަތަމަ އިސްލާމްކަން އިއުލާނުކުރި ދުވަހުން ފެށިގެން ވެސް ވެރިކަމުގެ ދަހިވެތިކަމުގައި އިސްލާމް ދީން އިއުލާނުކޮށްގެން ތިބި ހީލަތްތެެރި ބައެއްކަމަށް ދޭހަވާ ގޮތަށް ލިޔެފައިވާ ކަމަށެވެ. 

އޭގެ އިތުރުން ކީރިތި ގުރުއާނުގެ އާޔަތްތަކުގެ މުރާދު ވެސް އެ މީހުންގެ ހަވާނަފްސުގެ އެދުންތަކަށް ބަދަލުކުރި ބައެއް ކަމާއި އަދި ގުރްއާން ބަދަލުކުރަން ވެސް ފަސްނުޖެހޭވަރުގެ އަމިއްލަ އެދުން ބޮޑު ބައެއް ކަމަށް ގަބޫލުކުރާ ކަމަށް ސަމީރު ވިދާޅުވި އެވެ. 

"މި ދެމީހުންގެ ފޮތްތަކުގައި މި ވާހަކަތައް ހުރީ އެހެން މާނައެއް ދޭހަކުރެވޭ ވަރަށް ވުރެ މާ ސަރީހަކަން ބޮޑުކޮށް ކަމެވެ. ވީމާ އީރާނުގެ ހަމަލާތަކުންް ޔަހޫދީ ދައުލަތް ސުނާފަތިވާން އެދުނަސް އިސްލާމްދީނާއި އިސްލާމީ އުންމަތަށް ނަސްރުދިނުމުގެ ނަމުގައި މި މީސްމީހުން މަތިވެރި ކުރުމުގެ އެއްވެސް މާނައެއް ނެތް ކަމެވެ،"