މިދިޔަ އަހަރު ރާއްޖެ އަށް ތެޔޮ އިމްޕޯޓް ކުރުމަށް 10 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގު ވިދާޅުވީ ރާއްޖެއަކީ ހަކަތަ އުފެއްދުމަށް މުޅިންހެން އިމްޕޯޓްކުރާ ތެލަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު މިދިޔަ އަހަރު އެކަނި ވެސް 10 ބިލިއަން ރުފިޔާ އެކަމަށް ހޭދަކޮށްފައިވާ ކަމަށެވެ.
ތޯރިގު ވިދާޅުވި ގޮތުގައި ތެޔޮ އިމްޕޯޓް ކުރުމަށް ޖީޑީޕީގެ 10 ޕަސެންޓް ހަރަދުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްތަކުގައި ކަރަންޓު އުފައްދަނީ ޖަނަރޭޓަރު ބޭނުންކޮށްގެން ކަމަށާއި ރަށްރަށުގައި ކަރަންޓު އުފެއްދުމަށް 310 މެގަވޮޓުގެ އިންސްޓޯލް ކޮށްފައިވާ ކަމަށެވެ. އަދި ރިސޯޓުތަކަށް 298 މެގަވޮޓު އިންސްޓޯލް ކޮށްފައިވާއިރު ސިނާއީ ރަށްރަށުގައި 30 މެގަވޮޓުގެ ކެޕޭސިޓީ އެބަހުއްޓެވެ.
ތޯރިގު ހިއްސާ ކުރެއްވި ތަފާސްހިސާބުތަކުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ދުވާލަކު 7،965 ފީފާ ޑީސަލް ބޭނުންވެ އެވެ. އަދި އަހަރަކަށް 2.9 މިލިއަން ފީފާ ޑީސަލް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނައިރު އިޔާދަކުރެވިނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ވަރަށް ބޮޑަށް މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެކަމާ ގުޅޭ އެކި މަޝްރޫއުތައް ރާއްޖޭގެ އެކި ސަރަހައްދުގައި ކުރިއަށްދާކަން ފާހަގަކުރެއްވި އެވެ.