ޓްރާންސްޕޯޓް މިނިސްޓްރީ އަށް 2021 ގައި ލިބުނު އާމްދަނީގެ 31.9 މިލިއަން ރުފިޔާއަކީ ސައްހަ އާމްދަނީގެ އަދަދެއްކަން ކަށަވަރު ނުވާ ކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.
އޮޑިޓު އޮފީހުން މިއަދު އާންމުކުރި ޓްރާންސްޕޯޓް މިނިސްޓްރީގެ 2021 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓާއި 2019 އަދި 2020 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނީ މިނިސްޓްރީގެ އާމްދަނީ ރިކޯޑު ކުރުމަށް އެކި ސިސްޓަމްތައް ބޭނުންކޮށްފައިވާ ކަމަށާއި އެ ސިސްޓަމުގައި ރިޕޯޓު ނުގެންގުޅުމާއި ފުރިހަމަ ރިކޮންސިލިއޭޝަނެއް ނުހެދުމާއި ރަސީދު ނަމްބަރު ތަރުތީބު ނުވުމާއި ރިޕޯޓުތަކުން ކަންކަން އުނިވުން ފަދަ ކަންކަން ފާހަގަވެފައިވާ ކަމަށެވެ.
މިނިސްޓްރީގެ އާމްދަނީ ރިކޯޑުކުރުމަށް ގެންގުޅޭ ސިސްޓަމްތަކާއި ސިސްޓަމްތައް ގެންގުޅުމަށް ކަނޑައަޅާފައިވާ ކޮންޓްރޯލްސް އިން އެކި މައްސަލަތައް ފާހަގަވެފައިވާތީ މިނިސްޓްރީއަށް ލިބުނު ޖުމްލަ އާމްދަނީ ކަށަވަރުކުރެވިފައިނުވާ ކަމަށް އޮޑިޓުގައިވެ އެވެ.
އޮޑިޓުގައި ބުނީ މިނިސްޓްރީން އާމްދަނީ ބަލައިގަތުމަށް މައި ޕޯޓަލެއްގެ ގޮތުގައި ބޭނުންކުރަމުންދަނީ އީޕޯޓަލް ކަމަށާއި އެ ބޭނުންކުރަން ފަށާފައި ވަނީ 2020 ވަނަ އަހަރު ކޮވިޑު-19 އާ ގުޅިގެން އެއްގަމާއި ކަނޑުގެ ދަތުރާ ގުޅޭ އެކިއެކި ހިދުމަތްތަކާާ ގުޅޭ ލިޔެކިޔުންތަކާއި ފައިސާ ބަލައިގަތުން ފަސޭހަކުރުމަށް ކަމަށެވެ. އެ ޕޯޓަލުން ފައިސާ ބަލައިގަންނަނީ ބީއެމްއެލްގެ ގޭޓްވޭ މެދުވެރިކޮށެވެ.
އާމްދަނީ ބަލައިގަތުމުގައި އީޕޯޓަލް ބޭނުންކުރި ނަމަވެސް މިނިސްޓްރީން އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ބަލައިގަންނަ ޖުމްލަ ފައިސާގެ އަދަދު ކަށަވަރު ކޮށްފައިވަނީ ބީއެމްއެލް ގޭޓްވޭ ރިޕޯޓުތަކުން ކަމަށް އޮޑިޓުގައިވެ އެވެ. އެއީ ކޮންމެ މަހަކު ވެސް ބީއެމްއެލް އަށް އެދިގެން ހޯދާ ރިޕޯޓުތަކެއް ކަމަށާއި އެކަމަކު އީޕޯޓަލާއި ބީއެމްއެލް ގޭޓްވޭ ރިޕޯޓް ރިކޮންސައިލް ކުރަމުން ނުދާ ކަމަށް ބުންޏެވެ. އެ ޕޯޓަލުން ދުވަހު އަދި މަހުގެ އާމްދަނީ ރިޕޯޓު ނުގެނޭ އެވެ.
ރިޕޯޓުގައި ބުނީ މިނިސްޓްރީން އަހަރުގެ ޖުމްލަ އާމްދަނީ ކަށަވަރު ކުރުމާއި ރިކޮންސައިލްކުރުމަށް އީޕޯޓަލުގެ ބަދަލުގައި ބަރޯސާވަނީ ބީއެމްއެލް ގޭޓްވޭ ރިޕޯޓަށް ކަމަށެވެ. އަދި ޖާނަލް ވައުޗާތައް ފާސްކޮށް ޕީއޭއެސް އަށް ޕޯސްޓްކުރަނީ މިނިސްޓްރީގެ ސިސްޓަމް ރިޕޯޓުތަކުގެ ބަދަލުގައި ބީއެމްއެލް ގޭޓްވޭ ރިޕޯޓުތަކަށް ބަރޯސާވެގެން ކަމަށެވެ. އެެހެންވެ، އޮޑިޓުގައި ބުނީ އީޕޯޓަލް އާއި ބީއެމްއެލް ގޭޓްވޭ ރިޕޯޓު ރިކޮންސައިލް ނުކުރާކަމަށްވާ ނަމަ، އީޕޯޓަލް މެދުވެރިކޮށް ކުރެވޭ ހުރިހާ މުއާމަލާތްތަކަށް ލިބުނު ޖުމްލަ ފައިސާ ބީއެމްއެލް ގޭޓްވޭ ރިޕޯޓުގައި ހިމެނިފައިވާކަން ކަށަވަރުނުކުރެވޭ ކަމަށެވެ.
މިނިސްޓްރީއަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ބަލައިގަތުމަށް އެ ފައިސާގެ ރިކޯޑުތައް ބަލަހައްޓަމުން ގެންދަނީ މެޓްރިކްސް ސިސްޓަމުގަ އެވެ. އެ ސިސްޓަމަކީ ހަމައެކަނި މިނިސްޓްރީގެ ބޭނުމަށް ބޭނުންކުރަމުންދާ ސިސްޓަމެއްކަމަށް އޮޑިޓަށް މައުލޫމާތު ދީފައިވާ ކަމަށާއި އެކަމަކު އީޕޯޓަލް ބޭނުންކުރަން ފެށުމުގެ ކުރިން މެޓްރިކްސް ސިސްޓަމުން އާމްދަނީ ބަަލައިގަނެ އެ ސިސްޓަމު މެދުވެރިކޮށް ހިދުމަތްދޭ ފަރާތަށް ރަސީދު ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.
ރިޕޯޓުގައި ބުނީ މިނިސްޓްރީން ދޫކޮށްފައިވާ ރަސީދުތަކުގެ ރަސީދު ނަމްބަރުގެ އަހަރު މެޓްރިކްސް ސިސްޓަމް އިން އެ ރަސީދެއް އަލުން ޖަނަރޭޓްކުރާ އަހަރަށް ބަދަލުވާ ކަމަށެވެ. އަދި ރަސީދުގެ ތާރީހު ވެސް ޕްރިންޓްކުރާ ތާރީހަށް ބަދަލުވާކަން ފާހަގަކުރެވޭ ކަމަށް ރިޕޯޓުގައިވެ އެވެ.
ސީއާރުއެސްގެ ނަމުގައި ވެސް މިނިސްޓްރީން ޕޯޓަލެއް ބޭނުންކުރި އެވެ. އެ ސިސްޓަމަކީ އާމްދަނީގެ ތެރެއިން ބަނދަރު ކުއްޔާއި ލައިޓް ޑިއުސް އަދި ފަޅުތެރޭގައި އަޅާފައި ހުންނަ އުޅަނދުފަހަރުގެ ފީ ނެގުމަށް މިނިސްޓްރީން ބޭނުންކުރާ ސިސްޓަމެކެވެ. އެ ސިސްޓަމުން ބަލައިގަންނަ އާމްދަނީގެ ބައެއް ޓްރާންސެކްޝަންތައް އެ ސިސްޓަމުން ނަގާ މަހުގެ ޖުމްލަ އާމްދަނީ ރިޕޯޓުތަކުގައި ނުހިމެނޭކަން ވެސް އޮޑިޓުގައިވެ އެވެ.
އޮޑިޓުގައި ބުނީ އާމްދަނީ ބަލައިގަތުމަށާއި އާމްދަނީއާ ގުޅޭ އެކި މުއާމަލާތްތައް ކުރުމަށް ބޭނުންކުރާ ސީއާރުއެސް ފަދަ ޕޯޓަލްތަކަކީ މާލީ ހިސާބު ކުރުމަށާއި އެހެނިހެން ރިކޯޑު ބެލެހެއްޓުން ފަދަ ކަންކަމަށް ރިޕޯޓުކުރުމަށް ފަސޭހަވާނެ ފޯމެޓްތަކަށް މައުލޫމާތު ނެގޭ ޕޯޓަލްތަކެއް ކަމަށް ވާންޖެހޭ ކަމަށެވެ. އެ ސިސްޓަމުން ރިޕޯޓު ނެގެނީ ހަމައެކަނި ޕީޑީއެފް ފޯމެޓަށް ކަމަށްވެފައި އެ ޕޯޓަލުގައި ގިނަ އަދަދެއްގެ މުއާމަލާތްތައް ހިމެނޭތީ ހިސާބުތައް ރިކޮންސައިލްކުރުމަށް ދަތިވާ ކަމަށެވެ.
އެ ސިސްޓަމުން ނަގާ ރަސީދުތަކުގެ އަހަރު ބަދަލުވުމާއި ރިޕޯޓުތަކުގެ އަހަރު ބަދަލުވާކަން ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓުގައި ބުނީ މިނިސްޓްރީން ދޫކުރާ ރަސީދުތަކަކީ ސިސްޓަމުން ނެގޭ ރަސީދުތަކަކަށްވެފައި ރަސީދުގެ ތާރީހާއި ނަމްބަރުން އަހަރު ބަދަލުވާ ނަމަ އެއީ ކޮން މާލީ އަހަރެއްގެ އާމްދަނީއާ ގުޅޭ ރަސީދެއްކަން ކަށަވަރުނުކުރެވޭ ކަމަށެވެ.
އެފަދަ ކަންކަމާ ގުޅިގެން އޮޑިޓުގައި ބުނީ މިނިސްޓްރީއަށް މާލީ އަހަރު ތެރޭގައި ލިބުނު އާމްދަނީގެ ޖުމްލަ ކަށަވަރުކުރުމަށް ސިސްޓަމްތަކުން އަދަދުތަކުގެ ޖުމްލަ ހިސާބު ކުރެވިފައިނުވާ ކަމަށެވެ. އެހެންވެ، 2021 ވަނަ އަހަރު ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަަލައިގަތް ފައިސާގެ ގޮތުގައި ޕަބްލިކް އެކައުންޓް ސިސްޓަމްގައި އަދި މާލީ ބަޔާނުގައި ހިމަނާފައިވާ 31.9 މިލިއަން ރުފިޔާއަކީ ސައްހަ އަދަދެއްކަން ކަށަވަރުކުރެވެން ނެތް ކަމަށް އޮޑިޓުގައިވެ އެވެ.
ރިޕޯޓުގައި ވަނީ އާމްދަނީ ބަލައިގަތުމަށް ބޭނުންކުރާ ޕޯޓަލްތަކަކީ ދުވަހުން ދުވަހަށް އަދި މަހުން މަހަށް އާމްދަނީގެ ރިޕޯޓުތައް ނެގޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްތަކަށް ހެދުމަށް ލަފާދީފަ އެވެ. އަދި މާލީ ބަޔާން ތައްޔާރުކުރުމުގައި މިނިސްޓްރީއަށް ލިބޭ އާމްދަނީގެ އަދަދު ކަށަވަރުކުރުމަށް ޕޯޓަލްތައް މެދުވެރިކޮށް ބަލައިގަންނަ އާމްދަނީގެ ޖުމްލަ އާއި އާމްދަނީގެ ގޮތުގައި ބޭންކަށް ޖަމާވެފައިވާ އަދަދުތަކާ އަޅާ ކިޔުމަށް ފަހު ރިކޯޑުތައް ރިކޮންސައިލް ކުރުމަށް އަންގާފައިވެ އެވެ.
އޮޑިޓު އޮފީހުން ވަނީ މިނިސްޓްރީން ދޫކުރާ ރަސީދުތަކަކީ ސިސްޓަމުން ނެގޭ ރަސީދުތަކަކަށް ވާއިރު ސިސްޓަމުން ނަގާ ރަސީދުތަކުގެ ތާރީހާއި ރަސީދު ނަމްބަރު ބަދަލުނުވާނެ ގޮތަށް ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އަންގައިފަ އެވެ.