މާލޭގެ މޭޔަރު ކަމަށް ޕީއެންސީން ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ތާއީދުކުރައްވައި އެންޑޯޒްކުރައްވައިފި އެވެ.
އުއްޗުއާ ބައްދަލުކުރެއްވުމަށް ޖަލީލް މިއަދު ވަނީ ޗަމްޕާގިރިއަށް ޒިޔާރާތް ކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި އުއްޗު ވަނީ ޖަލީލް އިންތިހާބުކުރުމަށް ތާއީދުކުރައްވާ ކަމާއި އޭނާއަށް ވޯޓު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އުއްޗު ވިދާޅުވީ މި ފަހަރު މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ގައުމީ ހިދުމަތުގެ އެެންމެ ފަހުރުވެރި ރެކޯޑެއް އޮތީ ޖަލީލުގެ ކަމަށެވެ.
ޖަލީލް ވަނީ ސިފައިންގެ ހިދުމަތުގައި ކެރުމާއި ހިތްވަރާއި ރީތި ނަމޫނާ ދައްކަވާފައި ކަމަށާއި އެފަދަ ބޭފުޅެއްގެ ހިދުމަތަށް މި ގައުމު ބޭނުންވެފައިވާ ކަމަށް އުއްޗު ވިދާޅުވި އެވެ.
އުއްޗު ވިދާޅުވި ގޮތުގައި ގައުމީ ހިދުމަތުގައި އިތުބާރު ހިފެހެއްޓުމާ އެކު މަސަައްކަތްކުރައްވާފައިވާ ޖަލީލް ފަދަ ބޭފުޅުން ގައުމުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވުމަށް އަބަދުވެސް އިސްކަން ދެއްވާނެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގެ ކެމްޕެއިން ފޯރި ގަދަވެފައި ވާއިރު މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ އެތައް ބޭފުޅުންނެއް ވަނީ ޖަލީލަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފަ އެވެ.