މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ތަރައްގީކުރި ސްކޭޓް އެރީނާ ރައީސު ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.
ޒުވާނުންގެ މެދުގައި މަގުބޫލުވަމުން އަންނަ ސްކޭޓިންގެ ކުޅިވަރުތަކަށް ހާއްސަކޮށްގެން ހެދި މި އެރީނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ބައިވެރިވެވަޑައިގެންނެވި އެވެ.
މި ސްކޭޓް ޕާކަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރް) ގެ ދަށުން އެ ކުންފުނީގެ ހަރަދުގައި ސަރުކާރުގެ އެދުމުގެ މަތިން ހަދައި ދިން އެރީނާއެކެވެ. މިއަދުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މި އެރީނާގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވައި ބިންގާ އަޅުއްވައި ދެއްވީ ރައީސް މުއިއްޒާއި މިނިސްޓަރު ރާފިއުގެ އިތުރުން އާރުސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމް އެވެ.
މި އެރީނާގެ ސަބަބުން މާލޭގައި ދިރިއުޅޭ ސްކޭޓަރުންނަށް ރައްކާތެރި އަދި ބައިނަލްއަގުވާމީ ފެންވަރުގެ ވަސީލަތްތަކާ އެކު ފަރިތަކުރުންތައް ބޭއްވުމުގެ ފުރުސަތު ހުޅުވޭނެ ކަމަށް ސްކޭޓް އެސޯސިއޭޝަނުން ބުންޏެވެ.