ޝަރަފުވެރިކަމުގެ މި އަހަރުގެ ގައުމީ އިނާމު ތިން ބޭފުޅަކަށާއި ޖަމިއްޔާ އަކަށް ސަރުކާރުން މިއަދު ދީފި އެވެ.
އެއީ ދިވެހި އަދަބިއްޔާތުގެ ދާއިރާ އިން އަހުމަދު އާމިރު (ފަރެސް އާމިރު) އާއި އިމާރާތް ކުރުމާއި އިމާރާތް ޑިޒައިން ކުރުމުގެ ދާއިރާ އިން އާރުސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދާއި ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ އިން ގ. ނޫރީފެހި، ނަޖުމާ ހުސައިން އެވެ. ޝަރަފުގެ ގައުމީ އިނާމު ލިބުނު ޖަމިއްޔާއަކީ ސޮަސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އެވެ.
ދިވެހި އަދަބިއްޔާތުގެ ދާއިރާ އިން ޝަރަފުވެރިކަމުގެ އިނާމު މި ފަހަރު ލިބިވަޑައިގެންނެވި ފަރެސް އާމިރު ވަނީ ޅެން ހެެއްދެވުމުގެ އިތުރުން ދިވެހި ބަހުގެ މަންހަޖު އުފެއްދުމާއި މުގައްރަރާއި ފޮތްތައް ލިޔުއްވުމާއި އިމްތިހާނު ކުރުމުގެ ދާއިރާގައި 17 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ހިދުމަތް ކުރައްވައިފަ އެވެ.
އާމިރު ވަނީ، އަދަބިއްޔާތާއި ޅެންވެރިކަން ކުރިއެރުވުމާއި އެ ދާއިރާއިން މީހުން ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ޅެންވެރިކަމުގެ ތަމްރީނު ކޯސްތައް އެކިއެކި ސްކޫލްތަކަށް ހިލޭސާބަހަށް ހިންގަވައި ދެއްވުމާއި އެކިއެކި ފަރާތްތަކުން ހިންގި ޅެންވެރިކަމުގެ ކޯސްތަކުގައި ކިޔަވައި ދެއްވުމާއި ޅެންވެރިކަމުގައި ކުރިއަށް ދާން ބޭނުންވާ މީހުންނަށް މައުލޫމާތާއި ތަމްރީނު ދެއްވި އެވެ.
ގައުމީ ޔުނިވާސިޓީން ހިންގާ ދިވެހިބަހުގެ ޑިގްރީގެ 16 ކޯހެއްގައި އާމިރު ޅެންވެރިކަން ކިޔަވައި ދެއްވި އެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި އާރުސީސީގެ އެމްޑީ އިބްރާހިމް ރަޝީދު އިމާރާތްކުރުމުގެ ދާއިރާ އަށް ވަދެވަޑައިގަތީ 1970 އިގެ އަހަރުތަކުގެ ތެރޭގަ އެވެ. އޭނާގެ މޭސްތިރިކަމުގެ ދަށުން ހިންގާ އާރުސީސީއަކީ މިހާރު ރާއްޖޭގައި އިމާރާތް ކުރުމުގެ ދާއިރާގައި އެންމެ ކާމިޔާބު އެއް ކުންފުނި ވެސް މެ އެވެ.
ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ އިން ޝަރަފުވެރިކަމުގެ އިނާމު ދެން ހޯއްދެވި ނަޖުމާ ހުސައިނަކީ ދިވެހިރާއްޖޭގެ އަޑުގައި ޒަމާންތަކެއް ވަންދެން މަސައްކަތްތަކެއް ކުރެއްވި މަޝްހޫރު ޕްރެޒެންޓަރެކެވެ. އޭނާ ވަނީ ރާއްޖޭގެ ބްރޯޑްކާސްޓިންގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފަ އެވެ.
ޝަަރަފުވެރިކަމުގެ ގައުމީ އިނާމު ލިބުނު ޝީ އުފެއްދީ އޭޕްރީލް 7، 1988 ގަ އެވެ. ދިވެހިންގެ މެދުގައި ސިއްހީ ހޭލުންތެރިކަން އިތުރުކުރަން އުފެއްދި އެ ޖަމިއްޔާ އިން މިހާތަނަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްދީފަ އެވެ. އޭގެ ތެރޭގައި ހާއްސަކޮށް ތެލެސީމިއާއާ މެދު ދިވެހިން ހޭލުންތެރި ކުރުމަށް ކުރާ މަސައްކަތްތައް ފާހަގަކުރެވެ އެވެ.