ދައުލަތަށް ހިދުމަތްކުރުމުގެ ގައުމީ އިނާމު 56 ބޭފުޅަކަށް އަދި މަތީ ދަރަޖަ ހޯއްދެވި 57 ބޭފުޅަކަށް މިރޭ އިނާމު އަރުވައިފި އެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، 113 ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި 56 ބޭފުޅަކަށް ޝަރަފުގެ ބެޖަކާއި އައްޑަނައަކާއި ހަނދާނީ ލިޔުން އަރުވާފައިވެ އެވެ.
ޕީއެޗްޑީގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ހަ ބޭފުޅަކަށާއި ޑިގްރީ، ޕޯސްޓު ގްރެޖުއޭޓު އަދި މާސްޓާސް ލެވެލްގައި އެންމެ މަތީ ވަނަ ހޯއްދެވި 50 ބޭފުޅަކަށް ވެސް ވަނީ އިނާމު ދެއްވައިފަ އެވެ.
އޭގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތަކުން މަތީ ވަނަ ހޯދައިގެން ރައީސްގެ އިނާމު، ބެޑްމިންޓަންގައި ކާމިޔާބު ހޯދަމުން އަންނަ ލައިބާ އަހުމަދު މަހުލޫފަށް ވަނީ ދީފަ އެވެ.
އޭނާއަށް އެ އިނާމު ލިބުނީ އަރްމޭނިއާގައި މިދިޔަ އަހަރު ބޭއްވި އޯޕަން ބެޑްމިންޓަން މުބާރާތުގައި ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލް މުބާރާތުން ރަން މެޑަލް ހޯދައިގެންނެވެ.
ހާއްސަ އިނާމުގެ ގޮތުގައި އަރުވާފައިވަނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.