ކުށްވެރިން ޖަލުން ދޫކޮށްލުމާއި ބަންދުން ލުއި ދިނުމާ މެދު ގޮތް ނިންމާ ޕެރޯލް ބޯޑު އަލުން އެކުލަވާލައިފި އެވެ. 

ހޯމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ރައީސް އޮފީހުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހުރިހާ މެމްބަރުން އައްޔަންކޮށް، ނުވަ މެމްބަރުންގެ ބޯޑު އަލުން އެކުލަވާލާފައިވާ ކަމަށެވެ. 

ނަމަވެސް، އެ ބޯޑުގައި ތިބި މެމްބަރުންގެ ތަފްސީލް އަދި ނުލިބެ އެވެ. 

ޕެރޯލްގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑު ކުއްލިގޮތަކަށް މިދިޔަ މަހު އުވާލީ، އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހީމް (އަބުޗާ) އަށް ގާނޫނާ ހިލާފަށް ޕެރޯލްގެ ފުރުސަތުދީ، ޖަލުން މިނިވަންކުރި މައްސަލަ ފެންމަތިވުމުންނެވެ.

އެ މައްސަލައިގައި ބޯޑު އުވާލައި އަބުޗާ ވެސް ވަނީ ޖަލަށް ގެންގޮސްފަ އެވެ.

ޕެރޯލް ބޯޑުގައި މެމްބަރުން ހިމެނޭ ދާއިރާތައް

- ބަންޑާރަ ނައިބުގެ އޮފީސް

- ޕޮލިސް

- ކަރެކްޝަނަލް ސާވިސް

- އެޑިއުކޭޝަން މިނިސްޓްރީ

- ހެލްތު މިނިސްޓްރީ

- އިސްލާމިކް މިނިސްޓްރީ

- ސިއްހީ ދާއިރާ ތަމްސީލުކުރާ މެޑިކަލް ޑޮކްޓަރެއް

- ނަފްސާނީ ބަލިތަކުގެ ދާއިރާ ތަމްސީލްކުރާ ސައިކޭޓްރިސްޓެއް

- ޖަމިއްޔާތައް ތަމްސީލުކުރާ މެމްބަރެއް

ޕެރޯލްގެ ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތީގެ ތިން ބާވަތެއްގެ ކުށް ފިޔަވައި އެހެން ކުށްތަކުގައި ޖަލުގައި ތިބޭ މީހުންނަށް ޕެރޯލްގެ ފުރުސަތު ލިބޭނީ އެމީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކުރުމުންނެވެ.

ނަމަވެސް، ދެ ދައުވާއަކުން އުމުރު ދުވަހުގެ ހުކުމުގެ ގޮތުގައި ބަލާ 25 އަހަރަށް އަބުޗާ ޖަލަށް ލާން ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެކަމަކު، ކުށުގެ ތުހުމަތުގައި އޭނާ ބަންދުކުރީ އޮކްޓޯބަރު 2020ގަ އެވެ. އެހެންކަމުން އޭނާ ޖަލު ބަންދުގައި ހޭދަކުރާތާ ހަ އަހަރު ވަނީ ވެފަ އެވެ. 

މަސްތުވާތަކެތީގެ ގާނޫނަށް އެންމެ ފަހުން ގެނައި ބަދަލުން ޑްރަގް ޓްރެފިކް ކުރާ މީހުންނަށް ޕެރޯލްގެ ފުރުސަތެއް ނުލިބޭނެ އެވެ.