ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލަކަށް، ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް އިއްޔެ އައްޔަންކުރައްވައިފި އެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ވަނީ، ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ އިސްވެރިއަކަށް މޫސާ އަލީ ޖަލީލް ހަމަޖެއްސެވިކަން "މިހާރު"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލަކަށް އެންމެ ފަހުން ހުންނެވީ ވައިސް ވަހީދެވެ. އެކަމަކު، މޫސާ އަލީ ޖަލީލް އައްޔަންކުރެއްވީ ވައިސް ވަކިކުރުމަށްފަހު ކަމެއް ނުވަތަ އިސްތިއުފާ ދެއްވުމުން ކަން ސާފެއް ނުވެ އެވެ.
ޗީފް އޮފް ޑިފެންސް ފޯސްކަން ފުރުއްވައި އަދި އަސްކަރީ ދާއިރާގައި 32 އަހަރު ހިދުމަތްކުރެއްވުމަށްފަހު މޫސާ އަލީ ޖަލީލް ރިޓަޔާކުރެއްވީ ފެބްރުއަރީ 9، 2012 ގަ އެވެ.
އޭގެ ފަހުން އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ވެސް ފުރުއްވައިފަ އެވެ. ނަމަވެސް، އެ މަގާމުން އޮކްޓޯބަރު، 2015 ގައި ވަކިކުރެއްވީ އެވެ.
މޫސާ އަލީ ޖަލީލް ވަނީ މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވައިފަ އެވެ. އެކަމަކު އެ އިންތިހާބު ކާމިޔާބެއް ނުވި އެވެ.
ރާއްޖޭގެ ދިފާއުގައި ކުރެއްވި މަސައްކަތުގެ އަގުވަޒަންކޮށް މި ސަރުކާރުން ވަނީ މޫސާ އަލީ ޖަލީލަށް، ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް ވެސް ނޮވެމްބަރު، 2024 ގައި އަރުވައިފަ އެވެ.