ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި އެ ބިނާތަކާއި މިސްކިތްތައް އިމާރާތްކޮށް އަދި މަރާމާތު ކުރަން ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.
ރައީސް އޮފީހުން "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ނަމުގައި އުފެއްދި ކުންފުނިން ވަގުފު އިމާރާތްތައް ހެދުމުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމާއި މިސްކިތްތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމްކޮށް ތަރައްގީކުރުމުގެ މަސައްކަތާއި އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރާނެ ކަމަށެވެ.
ވަގުފު އިމާރާތްތަކަށް އާ ކުންފުންޏެއް އުފެއްދިއިރު، މި ސަރުކާރުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވަގުފު އިމާރާތްތައް އަޅަން ނިންމައިފަ އެވެ.
ރާއްޖޭގައި އެޅި އެންމެ ފުރަތަމަ ވަގުފު އިމާރާތަކީ، މާފަންނު މަދަރުސާއާ ޖެހިގެން އިމާރާތްކުރި "ދާރުލް އީމާން" އެވެ. އޭގެ ދެ ވަނަ އިމާރާތް "ދާރުއްސަލާމް" އަޅަން އާރުސީސީން މިދިޔަ މަހު ވަނީ ފަށައިފަ އެވެ.
އޭގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫ އަދި އައްޑޫ ސިޓީގައި ވެސް ވަގުފު އިމާރާތްތަކެއް އަޅަން ނިންމާފައިވެ އެވެ.