ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލަފާދޭ ހާއްސަ މަޝްވަރާ މަޖިލީހަކާއި ލަފާދޭ ގައުމީ މަޖިލީހެއް އެކުލަވާލަން ނިންމައިފި އެވެ. 

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ގައުމަށް އެތައް އަހަރަކު ހިދުމަތް ކުރެއްވި ބޭފުޅުންގެ އެތައް ތަޖުރިބާއެއް ހުންނާނެ ކަމަށާއި އެފަދަ ބޭފުޅުންގެ މަޝްވަރާ ބޭނުންފުޅުވާ ކަމަށެވެ. 

އެހެންވެ، ރައީސަށް ލަފާދޭ ހާއްސަ މަޝްވަރާ މަޖިލީހަކާއި ލަފާދޭ ގައުމީ މަޖިލީހެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ހާއްސަ މަޝްވަރާ މަޖިލީހަކީ ދައުލަތުގެ އެކި އިއްޒަތްތައް ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ތެރެއިން އެކުލަވާލާ މަޖިލީހެކެވެ. 

ގައުމީ މަޖިލީހަކީ އެކިއެކި ފަންނުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުން ހިމެނޭ ގޮތަށް އެކުލަވާލާ މަޖިލީހެކެވެ. 

މީގެ ބޭނުމަކީ ރައީސް ވިދާޅުވި ގޮތުގައި ގައުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި މަޝްވަރާ ހުށަހެޅުމެވެ.  ކުރިއަށް އޮތް ތިން މަސް ތެރޭގައި ދެ މަޖިލިސް ވެސް އުފެދިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އޭގެ އިތުރުން ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ޒުވާނުންގެ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

އެއީ ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކުން ޒުވާނުން އިންތިހާބުކޮށްގެން އެކުލަވާލާ މަޖިލީހެކެވެ.