ސިއްހީ ދާއިރާއަށް މި އަހަރު އިތުރަށް 2،000 އެއްހާ މުވައްޒަފުން ނަގާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވަކިވަކިން ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ކުރިއަށް ގެންދަވާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި، ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރަކު ވަނީ، އެ ހޮސްޕިޓަލާ ގުޅޭ ބައެއް ޝަކުވާތައް ރައީސަށް ހިއްސާކޮށްފަ އެވެ.

އޭގެ ތެރޭގައި، ހިދުމަތް ހޯދާ މީހުންގެ އާބާދީއާ އެއްވަރަށް މުވައްޒަފުން ނެތުން ހިމެނެ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ އިތުރަށް މުވައްޒަފުން ނަގަން ނިންމާފައިވަނީ ހެލްތު ސެކްޓާއަށް އެކަނި ކަމަށެވެ. މުޅި ރާއްޖޭގެ ހެލްތު ސެކްޓާއަށް އިތުރަށް 2،000 އެއްހާ މުވައްޒަފުން ނަގާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާއްމު ބަލިތަކާއި ކުދި ކުދި ފަރުވާތައް ދިނުމަށް ހުޅުމާލެ 1 އަދި ހުޅުމާލެ 2 ގައި އިތުރު ދެ ޖީޕީ ކްލިނިކް ހަދާނެ ކަމަށެވެ. އެ ދެ ތަނުގެ މަސައްކަތް ނިމުމުން އިތުރަށް މުވައްޒަފުން ނަގާނެ ކަން ފާހަގަކުރެއްވި އެވެ.

އެ ޑޮކްޓަރު ވިދާޅުވީ، އިތުރަށް ކިޔެވުމަށް މިދިޔަ ޑިސެމްބަރު ހިސާބުގައި ގިނަ މެޑިކަލް އޮފިސަރުން ވަޒީފާއިން ވަކިވުމުން ގޮންޖެހުންތައް ބޮޑުވި ކަމަށެވެ. އެހެންވެ، އިތުރު މުވައްޒަފުން ނެގުމަށް އޭރު އެދިވަޑައިގެންނެވި ކަމަށް ވެސް، ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަދެއްކެވި ޑޮކްޓަރު ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ އިތުރު މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ވެސް ކުރާ ކަމަށެވެ. 

ސީދާ ރައީސާ ބައްދަލުކުރައްވައި އާއްމުންގެ ޝަކުވާތަކާއި ކަންބޮޑުވުން އަދި ހިޔާލު ހުށަހެޅުމުގެ ފުރުސަތަށް އެދި ރައީސް އޮފީހުން ދުރާލާ އިއުލާންކުރެ އެވެ. އޭގެ ތެރެއިން ފޯމު ހުށަހަޅާ މީހުންނަށް، ރައީސާއެކު އެ ވާހަކަތައް ދެއްކުމަށް 10 މިނެޓު ލިބެ އެވެ. މިއީ، އެގޮތަށް ގެންދިޔަ ތިން ވަނަ އެޕިސޯޑެވެ.