އާއްމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހަޅަން 24 ގަޑިއިރު ހިދުމަތް ދޭނެ ޕޯޓަލެއް ރައީސް އޮފީހުން މިއަދު ލޯންޗުކޮށްފި އެވެ. 

އެ އޮފީހުގައި ހިންގާ 'ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ'ގެ ދަށުން އާއްމުންގެ ހިޔާލާއި ކަންބޮޑުވުންތައް ހުށަހަޅަން ހާއްސަކޮށްފައިވަނީ 'ސިޓިޒެންސް ވޮއިސް' ގެ ނަމުގައި އުފެއްދި ޕޯޓަލެކެވެ.

މި ވަގުތު ވެބް މެދުވެރިކޮށް ހިދުމަތް ލިބުނަސް، ކުރިއަށް އޮތް ތަނުގައި ފޯނު އެޕްލިކޭޝަނެއް ވެސް ލޯންޗުކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޭގެ އިތުރުން ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރު، 1470 އިން ވެސް ހިދުމަތް ލިބޭނެ އެވެ.

އާއްމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހަޅަން 24 ގަޑިއިރު ހިދުމަތް ދިނުމަށް ވަކި އޮފީހެއް ގާއިމްކުރާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.

އޭގެ ފަހުން، މިދިޔަ އޭޕްރީލް މަހު އެ އޮފީސް އުފައްދަވައި، އިސްވެރިއަކަށް ޑރ. މާހިދު ޝަރީފު އައްޔަންކުރައްވާފައިވެ އެވެ.