މާދަމާ ރޭ ބާއްވާ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި 113 ބޭފުޅަކަށް އިނާމު ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ޒުވާނުންގެ މަރުކަޒުގެ މާލަމުގައި މާދަމާ ރޭ 8:30 ގައި ބާއްވާ ޖަލްސާގައި ދެއްވަނީ ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމެވެ.
ރައީސް އޮފީހުން ބުނީ ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު މި އަހަރު 56 ބޭފުޅަކަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ ޝަރަފުގެ ބެޖަކާއި އައްޑަނައަކާއި ހަނދާނި ލިޔުމެކެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު މި އަހަރު 57 ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެ އިނާމު ދެއްވަނީ:
- ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރެއްވި ހަ ބޭފުޅަކަށް.
- ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7ގެ ނުވަތަ ލެވެލް 8ގެ ނުވަތަ ލެވެލް 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވި 50 ބޭފުޅަކަށް.
- ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން އިނާމު ހާސިލުކުރި ބޭފުޅަކަށް.
ހާއްސަ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.