މި ނޮވެންބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެގޮތަށް ކަނޑައެޅުއްވީ، މި އަހަރުގެ ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަކީ، ގައުމީ ބަންދު ދުވަހަކަށް ވުމުން ޖުމްހޫރީ ދުވަހާ ގުޅިގެން އަންނަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށް ވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށްޓަކައި ކަމަށެވެ.
މި އަހަރުގެ ނޮވެމްބަރު 12 ވާ ބުރާސްފަތި ދުވަހަކީ ކަލަންޑަރުގައި މިހާރު އޮތް ގޮތުން ރަސްމީ ބަންދު ދުވަހެއް ނޫނަސް އެއީ ބަންދު ދުވަހެއް ކަމަށް ރައީސް މިއަދު ކަނޑައެޅުއްވުމުން ނޮވެމްބަރު 11 ވާ ބުދަ ދުވަހާއި ހަފުތާ ބަންދާ އެކު، ޖުމުލަ ހަތަރު ދުވަސް އެ ހަފުތާގައި ބަންދުވާނެ އެވެ. އެއީ ހަފުތާ ބަންދުގެ ދެ ދުވަހާ އެކުގަ އެވެ.
ނޮވެންބަރު 11 ފާހަގަ ކުރަނީ 1968 ވަނަ އަހަރު ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ގާއިމްކުރި ތާރީހީ ދުވަހުގެ ގޮތުގަ އެވެ.
ރާއްޖޭގެ ރަސްމީ ބަންދު ދުވަސްތަކުގެ ތެރޭގައި ހިމެނޭ މި ދުވަހަކީ ގައުމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ.