ސްކޭޓް އެރީނާއަކީ އާރްސީސީގެ ސީއެސްއާރް ޕްރޮގްރާމްގެދަށުން ތަރައްގީ ކުރާ ޕްރޮޖެކްޓެއް
ސްކޭޓް އެރީނާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު އިއްޔެ ބައިވެރިވެވަޑައިގަންނަވަނީ
03 އޮކްޓޯބަރ 2025 - 12:12
ރާއްޖޭގައި ކޮންސްޓްރަކްޝަން ދާއިރާގައި އެންމެ ކާމިޔާބު އެއް ކުންފުނި އާރުސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ނުވަތަ ސީއެސްއާރު ޕްރޮޖެކްޓެއްގެ ދަށުން ހަދާ ސްޕޯޓްސް ސްކޭޓިން އެރީނާގެ ބިންގާ އިއްޔެ އަޅައިފި އެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނި ގޮތުގައި މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި މި އެރީނާ ހަދަނީ ސްޕީޑު ސްކޭޓް ޓްރެކްގެ އިތުން ސްކޭޓް ބޯޑިން ވެސް ޕާކެއް ހިމެނޭ ގޮތަށެވެ.
ސްޕީޑު ސްކޭޓް ޓްރެކަކީ ފުރޮޅުލީ ބޫޓުގައި ސްކޭޓް ކުރުމަށް ހާއްސަ ޓެރެކެވެ. ސެކޭޓްބޯޑު ޓްރެކަކީ ސްކޭޓް ބޯޑުގައި ސްކޭޓަށް ހާއްސަކޮށް ހަދާ ޕްލެޓްފޯމެކެވެ.
ސްކޭޓް އެރީނާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ކ) އާއި އާރުސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމް: އެ ޕްރޮޖެކްޓަކީ އާރްސީސީގެ ސީއެސްއާރްގެ ދަށުން ތަރައްގީ ކުރާ ޕްރޮޖެކްޓެއް.--- ފޮޓޯ ރައީސް އޮފީސް
އިއްޔެ ހަވީރު އުސްފަސްގަނޑުގައި ބޭއްވި ސްކޭޓް އެރީނާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަތެވެ.
އެރީނާގެ މަސައްކަތް ފަށައި، ބިންގާ އަޅުއްވައި ދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި އާރުސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމެވެ.
ސްޕޯޓްސް މިނިސްޓަރު ރާފިއު (ކ) އާއި އާރުސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމް ސްކޭޓް އެރީނާގެ ބިންގާ އިއްޔެ އަޅުއްވައި ދެއްވަނީ.--- ފޮޓޯ: ރައީސް އޮފީސް
ކުޅިވަރެއްގެ ގޮތުގައި ސްކޭޓް ކުރިއަރުވަން ހާއްސަ އެސޯސިއޭޝަނެއް ވެސް މިހާރު ހަރަކާތްތެރިވެ އެވެ. އެ އެސޯސިއޭޝަނުގެ ރައީސަކީ ފިޓްނަސް އާއި ފިޒިކަލް އެޑިއުކޭޝަން ދާއިރާގެ ތަޖުރިބާކާރު އަދި ކުރީގެ ދުވުންތެރިޔާ މުހައްމަދު ހާނިމެވެ.
ސްކޭޓިން އެރީނާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އޭނާ ވެސް ބައިވެރިވެވަޑައިގަތެވެ. އަދި އެ އެސޯސިއޭޝަންގެ އެކި ޕްރޮގްރާމްތަކުގައި ތަމްރީނު ހަދާ ކުދިން ވަނީ ސްކޭޓް ކުރުމުގެ ހުނަރު އިއްޔެގެ ރަސްމިއްޔާތުގައި ދައްކާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy