މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އުފައްދާ ތެޔޮ މަސްދަޅުގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

މިފްކޯއިން ބުނީ އެ ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ.

"މާޗް މަހުގެ ކުރިން 11.57ރ. އަށް ‏އަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ މިހާރު މިފްކޯއަށް ލިބެނީ 14.32ރ. އަށް އަގުބޮޑުކޮށް،" އެ ކުންފުނިން ބުންޏެވެ.

މަސްދަޅު އަގަށް ގެނައި ބަދަލު

  1.  17.30ރ. ވިއްކަމުންދިޔަ ތެޔޮ މަސްދަޅެއް މިހާރު ވިއްކާ އަގަކީ 18.30ރ.
  2. އެއީ ކޭހަކަށް ބަލާނަމަ ކުރިން 760ރ. ލިބުނު ތެޔޮ މަސްދަޅު ކޭހެއް ދެން ލިބޭނީ 800ރ.

މިހާރު ފިހާރަތަކުގައި ތެޔޮ މަސްދަޅެއް ވިއްކަނީ 18ރ. ނުވަތަ 19ރ. އަށެވެ. މިފްކޯއިން އެ ގެނައި ބަދަލާއެކު މަސްދަޅެއްގެ އަގު 20ރ. އިން މައްޗަށް އަރާނެ އެވެ.

މިފްކޯއިން ބުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން މިފްކޯގެ އުފެއްދުންތެރިކަމުގެ ހަރަދު ބޮޑުވެފައިވިޔަސް ކުންފުނިން ފިޔަވަޅުތައް އަޅަމުންދާނީ ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަވާނެ ގޮތަކަށް ކަމަށެވެ.

ހަނގުރާމަ އާ ގުޅިގެން ކުންފުނީގެ ހަރަދުތައް ކުޑަކުރަން މިފްކޯއިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މިއަދުން ފެށިގެން ކުންފުނީގެ ރަސްމީ ވަގުތު ވަނީ ކުރުކޮށްފަ އެވެ. 

މިފްކޯގައި މިހާރު ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 އިން ހަވީރު 4 އަށެވެ. ނަމަވެސް، މިއަދުން ފެށިގެން އެ ވަގުތު ވަނީ ހެނދުނު 8 އިން މެންދުރު 2 އަށް ކުރުކޮށްފަ އެވެ.