ތެޔޮ މަސްދަޅު ވިއްކާ އަދަދު މިފްކޯއިން ލިމިޓްކޮށްފި އެވެ.
މިފްކޯގެ ޕަބްލިކް ރިލޭޝަންސްގެ ސީނިއާ މެނޭޖަރު ޝިފްޒާ މުސްތަފާ މިއަދު ވިދާޅުވީ، ތެޔޮ މަސްދަޅު ކޭސް ވިއްކާ އަދަދު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކޮންޓްރޯލްކުރީ މަސްވެރިކަން ދަށްވުމާ ގުޅިގެން ކަމަށެވެ.
ނަމަވެސް، މިފްކޯގެ އެހެން އުފެއްދުންތައް ކޮންޓްރޯލެއް ނެތި ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިފްޒާ ވިދާޅުވީ ސްޓޮކް ލިބެންދެން ކޮންމެ މީހަކަށް ލިބޭނީ 24 އަދި 48 ދަޅުގެ އެއް ކޭސް ކަމަށެވެ.
"ސްޓޮކް ހަމަޖެހެންދެން ކޮންޓްރޯލްކޮށްގެން ވިއްކުމުގެ މަގުސަދަކީ ރައްޔިތުންނަށް މިފްކޯގެ އަގުގައި ތެޔޮ މަސްދަޅު ލިބުން މެދުކެނޑުނަ ނުދިނުން." އޭނާ ވިދާޅުވި އެވެ.
ތެޔޮ މަސްދަޅު ކޭސް ވިއްކާ އަދަދު ލިމިޓް ކުރިއިރު، ހަނގުރާމައާ އެކު ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ތެޔޮ މަސްދަޅު ވިއްކާ އަގު ދާދިފަހުން ބޮޑުކުރި ނަމަވެސް ޖެހިގެން އައި ދުވަހު އެ ނިންމުން ވަނީ ބަދަލުކޮށް، ކުރީގެ އަގަށް އަލުން ބަދަލުކޮށްފަ އެވެ.