މިފްކޯގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މިފްކޯ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިފްކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިފްކޯގެ ފަރާތުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސް އެވެ. އަދި އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން އެވެ.
މިފްކޯ އިން ބުނީ އެ އެއްބަސްވުމުގެ ދަށުން، އެފްއެސްއެމްގެ ފިއުލް ޝެޑުތައް ގާއިމުކޮށްފައިވާ މިފްކޯގެ ސެންޓަރުތަކުން އެކުންފުންޏަށް މަސް ކިރުވާ ދޯނިފަހަރަށް ކްރެޑިޓަށް ތެޔޮ ލިބޭނެ ކަމަށެވެ. އެކަމުގެ ސަބަބުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އާއި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން މިއަދުން ފެށިގެން ކްރެޑިޓަށް ތެޔޮ ދޫކުރާނެ ކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯ އިން ބުނި ގޮތުގައި މަސްކިރުވުމަށް ފަހު ލިބޭ ބިލު ހިފައިގެން ދިއުމުން ދޯނިފަހަރަށް ތެޔޮ އެޅޭނެ އިންތިޒާމު ހަމަޖެހޭނެ އެވެ.
އެ އިންތިޒާމުތަކާ ގުޅިގެން ދޯނިފަހަރަށް އަޅާ ތެލުގެ ބިލަށް ފައިސާ ކަނޑާނީ އެ ދޯންޏަކުން މިފްކޯއަށް ކިރުވި މަހަށްވާ ފައިސާގެ ތެރެއިންނެވެ. އެ އުސޫލުގެ ދަށުން މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޭ ޕޭމަންޓުން ތެލުގެ ފައިސާ އުނިކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެެވެ.
މިފްކޯ އިން ބުނި ގޮތުގައި ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ މަސްވެރިން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ. އެކަމަކީ ކުންފުނީގެ ސީއީއޯ އަނަސް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ކުންފުނީގެ ސެންޓަރުތަކަށް ކުރެއްވި ޒިޔާރަތްތަކުގައި މަސްވެރިންނާ ބައްދަލުކުރެއްވުމުން މަސްވެރިންގެ ފަރާތުން ހުށަހެޅި ކަންކަމުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަންތައް ކަމަށް މިފްކޯ އިން ބުންޏެެވެ.
މިފްކޯ އިން ބުނީ އެކަމުގެ ސަބަބުން މަސްވެރިންނަށް ތެޔޮ ގަތުމުގައި ހުރި މާލީ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި މިއީ މަސްވެރިންނަށް މަހަށް ފުރުމަށް ލިބުނު އިތުރު ހިތްވަރަކަށް ވެސް ވެގެންދާނެ ކަމަށެވެ.