އިދިކޮޅު އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ) ވެސް އެ މަގާމުން މިއަދު ވަކިކޮށްފި އެވެ. 

އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ސޮއި ކުރައްވައި ވަހީދަށް ފޮނުވި ސިޓީގައި ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާގައި ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިހާބުވާ ފަރާތަކުން ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެދޭން ޗެއާޕާސަންގެ ނައިބް (އިދާރީ) އާއި ޗެއާޕާސަންގެ ނައިބް (މާލީ) ގައުމީ މަޖިލީހުގެ ރުމާ އެކު އައްޔަންކުރެވޭ ކަމަށެވެ. 

އެ މާއްދާގައި ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ޗެއާޕާސަންގެ ނައިބު ވަކިކޮށް ގައުމީ މަޖިލީހުގެ ރުހުމާ އެކު އެހެން ފަރާތެއް ޗެއާޕާސަންގެ ނައިބް ކަމަށް އައްޔަންކުރެވިދާނެ ކަމަށް ވެސް ބަޔާންކުރާ ކަމަށެވެ. 

އެެހެންވެ، އެ މާއްދާއާ ހަވާލާދީ އެ ސިޓީގައި ބުނީ ޗެއާޕާސަންގެ ނައިބްކަމުން ވަކިކުރާ ހާލަތުގައި ގައުމީ މަޖިލީހުގެ ރުހުން އޮންނަންޖެހޭ ކަމަށް ބުނެފައިނުވާތީ އެ މާއްދާގެ ދަށުން ޕާޓީގެ އިދާރީ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން ވަހީދު ވަކިކުރީ ކަމަށެވެ. 

އެކަމަކު އިބުރޭ މަގާމުން ވަކިކުރި ސީދާ ސަބަބު ސިޓީގައި ނެތެވެ. 

އެ ސިޓީ އެކްސްގައި އާންމުކޮށް ކުރި ޕޯސްޓެއްގައި އިބުރޭ ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް ކަަމަށެވެ. އަދި ވިދާޅުވީ ގަޕޯ "ރަނގަޅަށް މޮޔަވެއްޖެ" ކަމަށެވެ.

 އަސާސީ ގަވާއިދުގެ 100 ވަނަ މާއްދާއާ ހަވާލާދީ އިބުރޭ ވިދާޅުވި ގޮތުގައި، އިންތިހާބީ މަގާމުތަކަށް އިންތިހާބުވެފައި ތިބި މީހުން ދައުރު ހަމަވަންދެން ދެމިތިބެވޭނެ އެވެ. 

ވަހީދު މަގާމުން ވަކިކުރިއިރު އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް ވެސް ވަނީ މިއަދު ވަކިކޮށްފަ އެވެ. އެ ސިޓީގައި ވެސް އޭނާ ވަކިކުރީ ކޮން ސަބަބަކާހުރެ ކަމެއް ބުނެފައެއް ނުވެ އެވެ. 

އެކަމަކު މަގާމުން ވަކިކޮށްފައިވާ މި ދެ ބޭފުޅުންނަކީ ވެސް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ތާއީދުކުރައްވާ ދެ ބޭފުޅުންނެވެ.

ޕާޓީން ބައެއް ބޭފުޅުން ވަކިކުރަން ފަށާފައި މިވާ ދަނޑިވަޅަކީ ކައުންސިލު އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބު ފާހަގަކުރަން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ނުދިނުމުން އުފެދިފައިވާ ހިތްހަމަނުޖެހުންތަކެއްގެ ސަބަބުން އެތެރޭގެ ކޯޅުން ބޮޑުވެފައިވާ ދަނޑިވަޅެކެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް އެމްޑީޕީގެ އެކްޓިވިސްޓުން ނުރުހުން ފާޅުކޮށްފައިވެ އެވެ. 

އެ މައްސަލާގަ ގަފޫރު ވިދާޅުވީ "މަަސްލަހަތު ގެއްލޭ ގޮތަށް ވާހަކަ ފެތުރީ" ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ އެ ފުރުސަތު ދެއްވަން މަަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ކަމަށެވެ.