ލޯކަލް ކައުންސިލްތަކަށް ހަވާލުކުރި މަސައްކަތް ގިނަވުމުގެ ސަބަބުން، މިހާރު ދޭ ބްލޮކް ގްރާންޓުން ނުފުދޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބަލަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޣަފޫރު ވިދާޅުވީ ކައުންސިލްތަކަށް ބްލޮކް ގްރާންޓް ހަމަޖެއްސީ އެމްޑީޕީން (ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް އޮތް އިރު) ކަމަށާއި އޭގެ ފަހުން ކައުންސިލްތަކަށް ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފައިވާ ކަމަށެވެ. މިސްކިތްތައް ބަލަހައްޓަން ހަވާލުކުރުމާއި ކައުންސިލްތަކުގެ މުސާރައަށް ގެނައި ބަދަލަކީ ވެސް ބްލޮކް ގްރާންޓް ކަނޑައެޅި ފަހުން ކުރި ކަންތައްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން އިތުރަށް ވެސް ރަށުގެ ކުންޏާއި [ކުނި މެނޭޖްކުރުމާއި] އެހެން ކަންތައްތައް ވެސް ކުރަން އެބަ ޖެހޭ. މިހާރު އެ ދޭ، ބްލޮކް ގްރާންޓަށް އެދޭ ޕަސެންޓަކުންނެއް ކައުންސިލްތަކެއް މެނޭޖެއް ނުކުރެވޭ،" ޣަފޫރު ވިދާޅުވި އެވެ.

އެކަމާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފުންކޮށްް ވިސްނާލަން ޖެހޭ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ކައުންސިލަރުންގެ މުސާރަބޮޑުކުރުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ޖެހިގެން އުޅޭ މައްސަލައަކީ ކައުންސިލަރުންނަށް ވުރެ ބޮޑު މުސާރަ ލިބޭ އިދާރީ މުވައްޒަފުން ތިބުން ކަމަށާއި އެއީ އެކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށެވެ. 

"ކައުންސިލް އިދާރާ ތެރޭގައި ކައުންސިލްގެ ރައީސަށް ވުރެ މުސާރަ ބޮޑޮ މީހަކު ހުުރުން މައްސަލައަކަށް ވެގެން މިއުޅެނީ. އެ ވާހަަކަ އެހާ ތަފްސީލްކޮށް އެއްބައި ބޭފުޅުންނަށް ދައްކަން ނުކެރެނީ،"  ޣަފޫރު ވިދާޅުުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ އެކަން ހަމައަކަށް އަޅުވަންޖެހޭ ކަމަށާއި އެއްގޮތަކީ ކައުންސިލްގެ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ބޮޑު މުސާރަ ލިބޭ މީހުންގެ މުސާރަ ކުަޑަކުރުމެވެ. 

ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންގެ މުސާރަ އަށް ވުރެ އިދާރީ ބައެއް މީހުންގެ މުސާރަ ބޮޑުވީ އޭނާ ތުހުމަތުކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައުޔެއް ނުހޯދައި ޕޭ ކޮމިޝަނުން އެ ބަދަލުތައް ގެނައުމުންނެވެ.

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމާ މެދު މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބަލަން މެންބަރު މީކާއީލް ހުށަހެޅުއްވި ގަރާރު މަޖިލީހުން މިއަދު  ބޭރުކޮށްލި އެވެ. އެ ގަރާރު ބަލައިގަތުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި ބަލައިގަތުމާ އެއްކޮޅަށް ވޯޓު ދެއްވީ 14 މެންބަރުންނެވެ. ނުފެންނަ ކަމަށް 48 މެންބަރުން ވޯޓުދެއްވި އެވެ.