މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ރިޔާސީ ބަޔާން އިއްވަވާއިރު މިދިޔަ އަހަރު އެ މަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައި ފާހަގަ ކުރެއްވި ކަންކަމުގެ 90 ޕަސެންޓު ހާސިލުނުވާ ކަމަށާއި އޭގެ ސަބަބުތައް ހާމަކުރައްވަން ވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުއްޣަފޫރު މޫސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޣަފޫރު ވިދާޅުވީ 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގެ 90 ޕަސެންޓް މަސައްކަތް ހުރީ ނުނިމި ކަމަށާއި ނަމަވެސް، އެ އަހަރަށް ފާސްކުރި ބަޖެޓް އެއްކޮށް ބޭނުންކޮށްފައިވާ ކަމަށެވެ.
"ކޮންމެވެސް ވަރަކަށް ދަރައިގެން އަހަރު ނިމުނީ ވެސް. އެހެންވީމަ ކޮބައިހޭ މި ފައިސާ. މިއީ ރައްޔިތުން ކުރަން ޖެހޭ ސުވާލެއް،" މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޣަފޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވާއިރު، މިދިޔަ އަހަރުގެ ބަޔާނުގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަން ނުވި ސަބަބު ރައީސް ވިދާޅުވެދެއްވަން ޖެހޭނެ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ރައީސް އިއްވަވާ ރިޔާސީ ބަޔާނުގައި ހިމެނެނީ ހަގީގަތެއް ނޫންކަން ރައްޔިތުންނަށް މިހާރު ވަރަށް ބޮޑަށް ސާފުވާ ކަމަށެވެ.
މާދަމާ ވެސް ވެގެންދާނީ ނާޒިލް ވިދާޅުވި ގޮތުގައި އަނެއްކާވެސް ހުސް ވާހަކަތަކެއް އިވިގެންދާނެ ދުވަހަކަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއަށް އޮތީ މަޖިލީހުގެ ތެރެއިން ވަރަށް މުހިންމު ދައުރެއް ކަމަށާއި އެއީ މި ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށެވެ. ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނާ ހަމައަށް ތިލަކޮށް ގެނެސްދިނުމަކީ އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ވާޖިބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.