އައްޑޫގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ތިން އަހަރުގެ މުއްދަތަށް ދައުލަތަށް ކުއްޔާއި ޓެކްސްތައް ދައްކަން ނުޖެހޭ ގޮތަށް ލުއިތަކެއް ދީ، އައްޑޫ އައިޓީގެ ހަބަކަށް ހަދަން ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރުކޮށް، ހަރުދަނާކޮށް، ކުރިއެރުވުމަށް މަގުފަހިކުރުމުގެ ގޮތުން ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއް، ކަނޑައެޅޭ ވަކި މުއްދަތުތަކަކަށް ގިނަ ލުއިތަކާ އެކު، އިންވެސްޓްމަންޓުތަކަށް ހުޅުވާލަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކަނޑައެޅޭ އެ ސަރަހައްދުތަކުގައި، ބިމު ކުއްޔާއި އިންކަމް ޓެކްސް ފަދަ ސީދާ ވިޔަފާރިތަކުން ދައުލަތަށް ދައްކާ ކުއްޔާއި ޓެކްސްތައް ނުދައްކާ ގޮތަށް ހަމަޖެއްސުމާއި އެހެނިހެން ލުއިތައް ދިނުން ހިމެނޭ ކަމަށެވެ.

"މިގޮތުން އެންމެ ފުރަތަމަ ހުޅުވާލާ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ހިމެނޭހެން އައްޑު އަތޮޅަކީ އެކެއް ޖެނުއަރީ 2027 އިން ފެށިގެން ތިން އަހަރު ދުވަހަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންވެސްޓްކުރުމަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާ ކަން އިއުލާންކުރަން،" ރައީސް ވިދާޅުވި އެވެ. 

އެ މަނިކުފާނު ވިދާޅުވީ އެ ކަން ތަންފީޒުކުރުމަށް ގާނޫނީ ގޮތުންނާއި އިދާރީ ގޮތުންނާއި ފަންނީ ގޮތުން މަގުފަހިކޮށްދޭން ޖެހޭނެ ކަންކަން މި އަހަރުގެ ތެރޭގައި ހަމަޖައްސަވާނެ ކަމަށެވެ.

"މީގެ ސަބަބުން އިރާދަކުރެއްވިއްޔާ ކުދި އަދި މެދުފަންތީގެ ސިނާއަތް ބޮޑަށް ފުޅާވެ، ކުރިއަރައި، އެތައް ވަޒީފާއެއް އުފެދި، އައްޑު އަތޮޅަށް އަދި މުޅި ދިވެހިރާއްޖެ އަށް އިގުތިސާދީ ގޮތުން ގިނަގުނަ ފައިދާތައް ކުރާނެ،" ރައީސް ވިދާޅުވި އެވެ. 

"މި ފުރުސަތުގެ ބޭނުންކޮށް އައްޑު އަތޮޅަކީ ރާއްޖޭގެ އައިޓީ ހަބްގެ ގޮތުގައި ހެދުމަށް އެކަމަށް ޝައުގުވެރިކަން ހުރި ހުރިހާ ފަރާތްތަކަށް ސަރުކާރުން ދައުވަތު ދެން."

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަނީ.-- ފޮޓޯ: މަޖިލިސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަނީ.-- ފޮޓޯ: މަޖިލިސް

ރައީސް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ހަރުދަނާ އޮންލައިން ޕޭމަންޓް ނިޒާމެއް ރާއްޖޭގައި ގާއިމްވެފައި ނެތުން ކަމަށެވެ. މިކަން ހައްލުކުރުމަށް ރާއްޖޭގައި ޕޭޕަލް އޮޕަރޭޓްކުރަން ފެށުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވި، އެ ހިދުމަތް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

ރާއްޖެ އާއި ރާއްޖޭން ބޭރުގައި ފަސޭހަ ކަމާ އެކު، ފައިސާގެ މުއާމަލާތް ކުރެވޭނެ، 100 ޕަސެންޓް ދިވެހި އުފެއްދުމެއް ކަމުގައިވާ، މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓް "ސްވައިޕް" ވެސް ގައުމީ ބޭންކް ބީއެމްއެލް އިން މިހާރު ތައާރަފުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ނަތީޖާއެއްގެ ގޮތުން އާންމުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ ޓޫރިސްޓުންނަށް މި ވޮލެޓަށް ފައިސާ އެޅުމާއި ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ގުޅޭ ގޮތުން ރައީސް ފާހަގަކުރެއްވި ކަންކަން

  • ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާސް ކުންފުނި ކަމަށްވާ އަލީބާބާ ގްރޫޕާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ދިވެހި އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރުގައި ވަރަށް ފުޅާ ދާއިރާއެއްްގައި ވިއްކުމުގެ ފުރުސަތު މިހާރު ވަނީ ލިިބިފައި. އޮތެންޓިކް މޯލްޑިވްސްގެ 400 ވެންޑަރުން ހިމެނޭ ގޮތަށް އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ ގޮތަށް އަލީބާބާގައި ވަނީ ޕްލެޓްފޯމެއް ގާއިމްކޮށްފައި.
  • އާންމުންނާއި ވިޔަފާރިތަކަށް ފަސޭހަކުރުމަށް ވީޗެޓް ޕޭ ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލް ނެޓްވޯކުގައި ބޭނުންކުރެވޭނެ ގޮތަށް ވަނީ ހަމަޖައްސައިފައި. 
  • އިސްލާމިކް ފައިނޭންސިން އުސޫލުން ޓޫރިޒަމްގެ ދާއިރާގައި އުޅޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް "ތިޖާރާ ރަށު ފަތުރު" ވަނީ ތައާރަފުކޮށްފައި. އަދި އެސްއެމްއީތަކަށް ހާއްސަކޮށް ކަނޑުއުޅަނދުފަހަރާ ގުޅުންހުރި ބޭނުންތަކަށް ވެސަލް ފައިނޭންސިންގެ ނަމުގައި ފަސް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ޕްރޮޑަކްޓެއް ވަނީ ތައާރަފުކޮށްފައި.
  • ކޮންޓެންޓް ކްރިއޭޓަރުންނާއި ފިލްމު ޕްރޮޑިއުސަރުންނަށް އަމާޒުކޮށް ފަސް ލައްކަ ރުފިޔާއާ ހަމައަށް ފައިނޭންސިން ފެސިލިޓީއެއް ވަނީ ތައާރަފުކޮށްފައި. 
  • އަންހެނުން ވިޔަފާރިގެ ދާއިރާގައި ކުރިއެރުވުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ އާ ފައިނޭންސް ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައި. އިސްލާމީ ފައިނޭންސްގެ އުސޫލުން 25،000ރ. އިން ފެށިގެން 200،000ރ. އާ ހަމައަށް ފައިނޭންސިން ހަމަޖެހޭނެ.
  • ބޭންކިން ނިޒާމުގެ ތެރެއިން މާލީ އެހީ ހޯދުމަށް ދަތިވާ ފަރާތްތަކަށް އަދި އަލަށް ވިޔަފާރިގެ މައިދާނަށް ނުކުންނަ ފަރާތްތަކަށް އަމާޒުކޮށްފައިވާ 100،000ރ. އާ ހަމައަށް އިސްލާމިކް މައިކްރޯ ފައިނޭންސިންނަށް ހުށަހެޅުމުގެ ފުރުސަތު އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ހުށަހެޅޭ.
  • އާންމު ފަރާތުންނާއި ވިޔަފާރިތަކުން އޮންލައިންކޮށް އިންޑިއަން ރުޕީސް އާއި ޗައިނީޒް ޔުއާން އެކައުންޓް ހުޅުވޭނެ ގޮތް ވަނީ ހަމަޖައްސާފައި.
  • ވިޔަފާރި ލޯނުތަކުގެ އިކުއިޓީ 30 ޕަސެންޓުން 20 ޕަސެންޓަށް ވަނީ ދަށްކޮށްފައި. ފައިސާ ދެއްކުމުގައި މުއްދަތު 15 އަހަރުން 20 އަހަރަށް ވަނީ އިތުރުކޮށްފައި. 
  • ވިޔަފާރިތަކުން ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް ބޭންކުން ނަގަމުން އައި މާޗަންޓް ފީ 2.5 ޕަސެންޓުން އެއް ޕަސެންޓަށް ވަނީ ކުޑަކޮށްފައި.
  • އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް އެސްއެމްއީތަކަށް އެއް ޕަސެންޓުގެ އިންޓްރެސްޓުގެ ރޭޓުގައި ފައިނޭންސިންނަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި.
  • ބީސީސީން އިމާރާތްކުރަމުން އަންނަ ކްރިއޭޓާ ހަބްއަކީ އެސްއެމްއީތަކަށް އަދި ވަކިން ހާއްސަކޮށް ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމްކުރުމަށް ކުރާ މަސައްކަތެއް. އެ އިމާރާތުގައި ދިވެހި ފަންނުވެރިންނަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ޖާގަ ހުންނާނެ. އެ އިމާރާތުގެ 8 ވަނަ ފުލޯގެ ޝީޓު އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި. އަދި އެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި އަންނަ ނޮވެމްބަރު މަހު 11 ވަނަ ދުވަހު ހުޅުވާނެ.