އިތުރު ވަސީލަތްތައް ހޯދައި ރާއްޖޭގެ ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފް ވަރުގަދަކުރުމަށް މި އަހަރު ވެސް ގިނަ ކަންތައްތަކެއް ސަރުކާރުން ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ދިފާއީ ބާރުގެ ހުރިހާ ދާއިރާއެެއްގެ ފެންވަރު މަތިކޮށް، ހިދުމަތްތައް ހަރުދަނާކުރުމަށް މިދިޔަ އަހަރު ވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ކޯސްޓު ގާޑުގެ ހިދުމަތް ދެގުނަ ކުރުމުގެ މަސައްކަތުގެ ތެރެއިން ތުރުކީ ސަރުކާރުން ހިލޭ އެހީއެއްގެ ގޮތުގައި ދިން، ސިފައިންގެ ހިދުމަތް މިހާތަނަށް ތައާރަފުކުރި އެންމެ ބޮޑު އަސްކަރީ މަނަވަރު މިދިޔަ އަހަރު ހިދުމަތަށް ނެރެފައިވާ ކަމަށެވެ.
ސިފައިން ހިންގާ މެރިޓައިމް އޮޕަރޭޝަންތަކާއި ރެސްކިއު އެންޑް ސާޗު އޮޕަރޭޝަންތަކަށް ބޭނުންވާ އިންސްޕެކްޓާ ކްރާފްޓު ހޯދުމުގެ މަސައްކަތް ފަށައި، އޭގެ ތެރެއިން ތިން އުޅަނދު މިދިޔަ އަހަރު ހިދުމަތަށް ނެރެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އޭގެ އިތުރު 17 އުޅަނދު ހިދުމަތަށް ނެރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދެ ހާބަ ކްރާފްޓު ޕެޓްރޯލް ވެސަލް ހޯދުމަށް ޖަޕާން ސަރުކާރުން ފައިސާގެ އެހީ ދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ހޯދާ މަނަވަރު ވެސް މި އަހަރު ހިދުމަތަށް ނެރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމްއެންޑީއެފްގެ އެއާކޯ ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން އައްޑޫ ގަމުގައި ދިވެހި އަސްކަރިއްޔާގެ ފުރަތަމަ އެއާ ސްޓޭޝަން މިދިޔަ އަހަރު ގާއިމްކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އުތުރުގައި އެއާ ސްޓޭޝަނެއް ގާއިމްކުރުމަށް ށ. ފުނަދޫގައި ހަދާ އެއާ ސްޓޭޝަންގެ މަސައްކަތް ނިންމައި، މި އަހަރު ބޭނުންކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެއާ ކޯގެ ހިދުމަތް ފެށުމަށް އަސްކަރީ ޑްރޯން ނުވަތަ އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) ރާއްޖެ ގެނައީ 2024 ވަނަ އަހަރު އެވެ. އެއީ ތުރުކީން ގަނެފައިވާ ތިން ޑްރޯން އެވެ. އަދި ބަޖެޓް ލިބޭ މިންވަރަކުން އިތުރު ސާމާނު ގެންނާނެ ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައިވެ އެވެ.
އެމްއެންޑީއެފްގެ މެރިންކޯ އަށް ވެސް އެންމެ ޒަމާނީ އުޅަނދުތައް މިދިޔަ އަހަރު ހޯދާފައިވާ ކަމަށާއި މި އަހަރު ވެސް އިތުރު ވަސީލަތްތައް ހޯދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސިފައިންގެ ތައުލީމާއި ތަމްރީނުގެ ކަންކަން ކުރިއަރުވައި، ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގިރިފުށި ބިން ހިއްކުމާއި އުމްރާނީ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތާއި އެމްއެންޑީއެފްގެ އައްޑޫ ޓްރެއިނިން ސެންޓަރު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ވަނީ ފަށައިފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލޭގައި ހުންނަ ސިފައިންގެ މަރުކަޒު ކަމަށްވާ ކަޅުތުއްކަލާ ކޮށީގެ އުމްރާނީ ބިނާގެ މުހިންމު މަސައްކަތްތަކެއް މި އަހަރު ފަށާނެ ކަމަށެވެ.
ސިފައިންގެ ފަޔަ އެންޑް ރެސްކިއު ހިދުމަތާއި އިމަޖެންސީ އޮޕަރޭޝަންގެ ހިދުމަތާއި ސިފައިންގެ އޮޕަރޭޝަނަލް ލޮޖިސްޓިކްސް އާއި އެކޮމޮޑޭޝަން އާއި އިދާރީ ހިންގުމުގެ ކަންކަން ހަރުދަނާކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި އެ މަސައްކަތްތައް ވެސް މި އަހަރު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުގައި ސިފައިންނަށް ބޭނުންވާ އިތުރު އުމްރާނީ ވަސީލަތްތައް ގާއިމްކުރާނެ ކަމަށެވެ.