ގަން އެއާ ސްޓޭޝަންގެ ހިދުމަތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ: ވަރުގަދަ އަސްކަރީ ބާރެއްގެ ގޮތުގައި ރާއްޖެ އޮންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި --- ފޮޓޯ/ރައީސް އޮފީސް
05 ނޮވެމްބަރ 2025 - 19:03
އިގްތިސާދު ހަރުދަނާކޮށް، ތަރައްގީ ހާސިލުކުރެވޭ ވަރުގަދަ ގައުމަކަށް ރާއްޖެ ހެދުމުގައި އަސްކަރިއްޔާގެ ބާރު ވަރުގަދަ ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަން، އައްޑޫ ގަމުގައި ގާއިމުކޮށް، އެތަން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ މަރުކަޒު ގާއިމް ކުރުމަކީ މުޅި ރާއްޖެ ވައިގެ މަގުން ބެލެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ކުރިއެެރުމެއް ކަމަށެވެ.
ރާއްޖޭގެ އުތުރުން ށ. ފުނަދޫގައި ވެސް ވައިގެ ސްޓޭޝަނެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ގެންދާކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެތަނުގެ މަސައްކަތް ވެސް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދާ ކަމަށެވެ.
ރައީސް ވިދާޅުވީ ސިފައިންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިތުރު ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ކޯސްޓްގާޑުގެ ފްލީޓް ދެގުނަ ބޮޑު ކުރުމަށް ކަނޑައެޅި ސިޔާސަތުގެ ދަށުން ކާމިޔާބު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ސިފައިންގެ މެރިން ކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ވެސް ބައެއް ކަންކަން ހާސިލުކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ގަން އެއާ ސްޓޭޝަން ރަސްމީކޮށް ހުޅުއްވައި ދެއްވަނީ --- ފޮޓޯ/ރައީސް އޮފީސް
ސިފައިންގެ ހިދުމަތުގެ ތެރެއިން އިންސާނީ ތަރައްގީއަށް ވެސް ކޮށްދޭންޖެހޭ މަސައްކަތްތައް އެބަހުރި ކަމަށާއި އެ ކަންކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެެ. އަދި އެ ކަންކަމުގެ ސަބަބުން ގައުމާއި ރައްޔިތުންނަށް ވެސް ފައިދާވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިރާދަކުރެއްވިއްޔާ އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް ގައުމަށް ނުހަނު ފައިދާވާނެ ކަންތައްތައް. އިގްތިސާދީ ގޮތުން މި ގައުމަކީ ރެޒިލިއެންޓް ތަރައްގީ ހާސިލުކުރެވޭ ވަރުގަދަ ގައުމަކަށްވެގެން ދިއުމުގައި ވެސް ވަރުގަދަ މިލިޓަރީ ބާރެއް އޮތުމަކީ ކޮންމެހެން ލާޒިމު ކަމެއް ކަމަށް އަޅުގަނޑު ދެކެން -- ރައީސް
ރައީސް ވިދާޅުވީ ގައުމަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނީ އެ ގައުމަކީ ރައްކާތެރި ތަނެއްގެ ގޮތުގައި އެ އިންވެސްޓަރުންނަށް ގަބޫލުކުރެވޭ ހިނދެއްގައި ކަމަށެވެ. އެހެންވެ، ރާއްޖޭގެ ވައިގެ މަރުކަޒުގެ ގާބިލުކަން އިތުރުކޮށްފައިވާނަމަ، ގައުމުގެ އިގްތިސާދު ވެސް ދާނީ ކުރިއަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދުނިޔޭގައި ތަރައްގީވެފައިވާ އިސްލާމީ އަރަބި ގައުމުތަކަށް ބަލާއިރު އެ ގައުމުތަކުން ވެސް ކަން ކުރަމުންދަނީ އެ އުސޫލުންނެވެ.
"އެހެންވީމަ އަޅުގަނޑުމެންގެ ނޭޝަނަލް އައިޑެންޓިޓީ ހިމާޔަތްކުރެވި އިސްލާމީ ވަހުދަތު ކަށަވަރުކުރެވި އޮންނަ ގޮތަށް އަޅުގަނޑުމެންގެ ގައުމު އިގްތިސާދީ ގޮތުން ހުޅުވާލުމަށްޓަކައި މި ކުރެވޭ މަސައްކަތުގައި މި ގައުމުގައި ވަރުގަދަ މިލިޓަރީ ބާރެއް ގާއިމުވެފައި އޮތުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ގަން އެއާ ސްޓޭޝަންގެ މަސައްކަތްތައް ރައީސް ބައްލަވާލައްވަނީ --- ފޮޓޯ/ރައީސް އޮފީސް
ރައީސް ވިދާޅުވީ އެގޮތުގައި ކުރިއަށް ދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އަދި އިންސާނީ ވަސީލަތް ގާއިމް ކުރުމުގެ ގޮތުން ވައިގެ މަރުކަޒުގައި ޓްރެއިނިން ފެސިލިޓީއެއް ގާއިމް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ސިފައިންގެ އަސްކަރީ ތަމްރީނުތަކުގައި ބޭނުންކުރާ ކ. ގިރިފުށީގެ ބިން ހިއްކުމާއި އެއާ ގުޅިފައިވާ މަސައްކަތްތައް ވެސް ފަށާފައިވާ ކަމަށާއި އަދި ސިފައިން ބޭނުންކުރާ ޅ. މާފިލާފުށީގެ ތަރައްގީގެ ކަންކަން ވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.
މިއަހަރު ފެށި ނޭޝަނަލް ސާވިސް ޕްރޮގްރާމުގެ ދަށުން އަންނަ އަހަރު ރެކްރޫޓުކުރާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މާލޭގައި ސިފައިންގެ މަރުކަޒުތައް ގާއިމް ކުރުމާއި އެފަދަ އިތުރު ކަންކަން ވެސް ބަޖެޓުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގަން އެއާ ސްޓޭޝަންގައި ބޭނުންކުރާ އަސްކަރީ ޑްރޯންއެއް --- ފޮޓޯ/ރައީސް އޮފީސް
ރައީސް ވިދާޅުވީ އެ ހުރިހާ ކަމަކީ ވެސް ގައުމުގެ މުސްތަގުބަލަށްޓަކާ ކުރެވޭ މަސައްކަތްތަކެއް ކަމަށާއި އެ ކަންކަން ކާމިޔާބުވުމުން މިނިވަން މުސްތަގިއްލު އަދި ތަރައްގީ ހާސިލުވަމުންދާ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތަށް އެހީއަކަށް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިފަދަ ހުރިހާ ކަމެއް މި ކުރަނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ގައުމުގެ މުސްތަގުބަލަށްޓަކާއި ބިނާ ކުރެވޭ ގާއިމް ކުރެވޭ ވަރަށް މުހިއްމު ކަންކަން ގޮތުގައި އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭތީ. އިރާދަކުރެއްވިއްޔާ މިކަންކަން ކާމިޔާބުވެގެން ދިއުން ވާނީ މި ގައުމު މިނިވަން މުސްތަގިއްލު ތަރައްގީ ހާސިލުވަމުންދާ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާ ކަންކަމަށް." ރައީސް ވިދާޅުވި އެވެ.
ގަން އެއާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް
ރައީސް ވިދާޅުވީ ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގައި ވެސް ވަރުގަދަ އަސްކަރީ ބާރެއް އޮންނަންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެހެންވެ، އެއާ ކޯއަށް އަސްކަރީ މަތިންދާބޯޓު ހޯދުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމްއެންޑީއެފަކީ ކޮންމެ ދަނޑިވަޅެއްގައި ވެސް ގައުމު ހިމާޔަތްކޮށް، ދިފާއުކުރުމުގެ ގާބިލުކަން ހުރި ވަރުގަދަ ބަޔަކަށް ހަދަން ޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަނެއްކާ ހަނގުރާމައިގަ ބައިވެރިވާން ކެރޭ މީހަކު އެބަހުރިތަ.
06 November 2025
ފްލީޓަށް ޒަމާނީ ފަހުގެ ސާމާނު އެޑްކޮށްލީމަ ތިބެން ޖެހޭނީ އޮރިޔާމުން
އަސަފަފަ
06 November 2025
ތަނަވަސްކަން ހުރި މިންވަރަކުން ތިކަހަލަ ކަންކަންވެސް ކުރަންވީ. ތިއީ ޖެފިޑު އެއެއްގަ އުޅޭ މީހަކު ސްމާޓް ތަޅެއް ގަތުން ކަހަލަ ކަމެއް
ގަދަވަރު1
06 November 2025
ފުރަތަމަ ވިސްނާލަންވީ ކިހާ ވަރުގަދައެއްތޯ ރާއްޖެއަށް ވެވޭނީ. ކާކަށްވުރެ ވަރުގަދައެއްތޯ ވެވޭނީ ދެތިން ބިލިއަން ޑޮލަރު ހަމަނުވާ މި އިގްތިސާދުގައި.
raajje
06 November 2025
މިފަދަހުރިހާ ރަސްމިއްޔާތެއްގައިވެސް ހަމައެކަނިފެންނަނީ މިޑުރޯންބާއްވާފައޮންނަތަން، ބޭރުގެބާރުހުރި ގައުމުތަކުގެމީހުން ހާދަހާވާ ޖޯކެއްޖަހާނެތާމިކަމަށް، އެއީކީމައްސަލައެއްނޫން، ވާހަކަތައްމިހުރީ ރަނގަޅުމިސްރާބަކަށްކަމަށް އަޅުގަނޑުގަބޫލުކުރަން، މިފަދަކަންކަންކުރުމުގާ ތެދުވެރިންގެއަތްމައްޗަށް ބާރުތަކާ ޕޮރޮޖެކުޓުތައްދިއުންވަރަށްމުހިންމު، ގިނަދިވެހިންގެމިހާރު ގޮތަކީޖެހުނުދިމާލަކުން ކެވުނުވަރަކަށްކާލުން ހަރާމެއްހަލާލެއްބެލުމެއްނޯވޭދޯ!
މަންދައްތަ
06 November 2025
ދިވެހިރާއްޖޭގަ މިއުޅެނީ އަޅެ ހުސް ޖުހާ ކަހަލަ މީހުންތަ؟
މުޙައްމަދު123
06 November 2025
ކަމަކީ މުހިންމު ކަމެއްް. އެކަމަކު ދިވެއްސަކަށް ހެލިކޮޕުޓަރެއް ދުއްވަން ދަސް ނުވެގެން އުޅޭތާވެސް މިހާރު ވިއްސަކަށް އަހަރުވަނީ. ތަންކޮޅެއް ވިސްނުންތޫނު ކެރޭ މީހުން ލައިގެން ތިޔަކަންވާނީ
އޮނަރަބްލް އަފީފު ދީދީ
06 November 2025
ކުރިއަށްއޮތް ރިޔާސީ އަދި މަޖިލިސް އިންތިޙާބުގެ ވޯޓްދިނުމުގައި އައްޑޫ ރައްޔިތުން އިސްކަންދޭންވާނީ އައްޑޫމީހުންގެ "ހިތް" ކަމަށް އެތައް ޒަމާނެއްވަންދެން ބަލަމުންއައި GAN International Airport ޙަޤީގީ މާނައިގައި ބައިނަލް އަޤުވާމީ އެވިއޭޝަން ބަނދަރެއްގެ ގޮތުގައި ހިންގަން ފުރުސަތުދީ، މިތަނުގެ ބިމުގެ ބޮޑުބައެއްގައި ފެންސްޖަހައި ޕިކްނިކް ހޯމް ހަދައިގެންތިބި މާލޭ ފުލުހުންނާއި ސިފައިން އައްޑޫގެ އެހެންސަރަޙައްދަކަށް ބަދަލުކޮށްދޭނެ ބަޔަކަށް ވޯޓް ދިނުމަށް.
މަންސޫރުބާއީ
06 November 2025
ތިޔަ ބާރެއް ހަދައިގެން ބަޔަކު ނިކަން މުއްސަނދިވާނެ. ރާއްޖެ ދިފާއު ކުރާނެ ބާރެއް ނުލިބޭނެ. އަހަރުންގެ ކަނޑުގައި ލައްކަ ކަންތައް ހިނގާ އެކަމަކު އެހެން ގައުމަކުން ރިޕޯޓު ލިބުނީމައި ހޭވެރިކަން ވަނީވެސް. ސިނގިރޭތާއި ވޭޕުވެސް ވަގަށް އެތެރެކޮށް ނަގަނީ. ހަތިޔާރުވެސް އެތެރެކުރެވޭނެ. މިއުޅެނީ ސަފާރީ ތަކުން ބާލާ ބަނގުރާ ކޭސްވެސް ނުހިފިގެން.
ހަސަނަނާ
06 November 2025
ރާއްޖޭގަ މިލިޓަރީ އުވާލާފަ، މިލިޓަރީ ޕޮލިސްއެއް ހަދަންވީ އައިސްލޭންޑު ގޮތައް، ރާއްޖެބޭނުންްވަނީ ކޯސްޓުގާޑެއް އެކަނި! މިލިޓަރީއަށް ކުރާ ބޭކާރު ޙަރަދު ހުއްޓާލާފަ ރައްޔިތުންނަށް ފައިދާވާ ކަންކަމަށް ޙަރަދުކުރަން ގޮވާލަން!
ހައްގުބަސް.
05 November 2025
އަސްކަރީ މަތިންދާ ބޯޑު ރައްޖެއަ ބޭނުންވޭ އެއްތަނުން އަނެއްތަނަ ބަލިމީހަކު ނުވަތަ ކޮމްމެހެން ބޭނުން ޖެހޭ އެއްޗެ ގެންދަންވިޔަސް މިހާރަކު އެކަން ކުރެވޭކައް ނެއް.