ރާއްޖެ މިނިވަންކަންމަތީ ދެމިއޮތުމަށް ދިވެހި ސިފައިންގެ ހިތްވަރާއި ޖިހާދުން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދުވަހުގެ ހެޔޮއެދުންތައް ދިވެހި ސިފައިންނާއި އެންމެހާ ރައްޔިތުންނަށް އަރިސް ކުރައްވައިފަ އެވެ. 

"އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަން ޖެހޭ ފިލާވަޅުތަކެއް،" ރައީސް ވިދާޅުވި އެވެ. 

ރައީސް މުއިއްޒުގެ ދެކަނބަލުން ވަނީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ބޭއްވި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައިފަ އެވެ. 

އެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި އަހަރުގެ ނަސްރުގެ ދުވަސް ވެސް ފެށީ ބޮޑު ޖަމާއާތުގައި ކުރި ފަތިސްނަމާދުންނެވެ.

މި އަހަރުގެ ނަސްރުގެ ދުވަސް ފެށުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ބޮޑު ޖަމާއަތުގެ ފަތިސްނަމާދު.-- ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ ނަސްރުގެ ދުވަސް ފެށުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ބޮޑު ޖަމާއަތުގެ ފަތިސްނަމާދު.-- ފޮޓޯ: ރައީސް އޮފީސް

ނަސްރުގެ ދުވަސް ފާހަގަކުރަނީ ނޮވެމްބަރު 3، 1988 ގައި ދިވެހީންގެ ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ތަމަޅައިންގެ ގްރޫޕަކުން ރާއްޖެ އަރައި ދިން ޓެރަރިސްޓް ހަމަލާގެ ނާކާމިޔާބުވެ ދިވެހިންނަށް ލިބުނު ނަސްރުގެ ހަނދާން އާކުރުމަށެވެ.

އެ ޓެރަރިސްޓް ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ސިފައިންގެ 8 މީހަކާއި އާންމުންގެ 11 ބޭފުޅެކެވެ.

އެ ހަމަލާ ނާކާމިޔާބުވުމުން ތަމަޅަ ހަނގުރާމަވެރިން ފިލައިގެން ދިޔައީ މާލޭ ބަނދަރުގައި އޮތް އާގުބޯޓެއް ކަމަށްވާ ޕްރޮގްރެސް ލައިޓްގަ އެވެ. އެކަމަކު ކަނޑުމަތިން އެ ބޯޓު ހުއްޓުވައި، އިންޑިއާ ސިފައިން ހަމަލާދީ ފައްތާލި އެވެ. އެ ހަމަލާގެ ޒިންމާ ނަގަންޖެހޭ ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރުގެ އިތުރުން، މަރުނުވެ ތިބި ޓެރަރިސްޓުން އަތުލައިގަނެގެން މާލެ ގެނަ އެވެ. އަދި ރަހީނުކޮށްގެން ގެންދިޔަ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ސަލާމަތްކުރި އެވެ.

ލުތުފީ އާއި ނާސިރުގެ މައްޗަށް އޭރުގެ އެންމެ މަތީ ކޯޓު، ހައި ކޯޓުން، އިއްވީ މެރުމުގެ ހުކުމެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ އަށް އޭރުގެ ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން، ރައީސް މައުމޫން އަބްދުއްގައްޔޫމް އެ ހުކުމް ބަދަލުކުރެއްވީ އުމުރު ދުވަހުގެ ޖަލު ހުކުމަަކަށެވެ.