ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރު އިއްވެވި ރިޔާސީ ބަޔާނަކީ މިދިޔަ ދެ އަހަރު މަޖިލީހަށް އިއްވި ބަޔާނުގެ ކުލަ ނެތް ކޮޕީއެއް ކަމަށާއި މިހާތަނަށް މިވަރުގެ ނާގާބިލުވެރިކަމެއް ނާންނަ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް މިއަދު ވިދާޅުވެއްޖެ އެވެ.  

ގާނޫނުއަސަސީގައި ބުނެފައި ވަނީ ކޮންމެ އަހަރެއްގެ ރިޔާސީ ބަޔާން ރައީސުލްޖުމްހޫރިއްޔާ އިއްވެވުމުން، އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ފިޔަވައި ދެން އެންމެ މެމްބަރުން ގިނަ ޕާޓީގެ ފަރާތުން މަޖިލިހުގެ މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަން ވާނެ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހަށް މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް މަޖިލިހުގެ މައިނޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ޖަވާބު ދެއްވަމުން ނާޒިލް މިއަދު ވިދާޅުވީ ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ބަޔާންކޮށްފައި ނުވާ ކަމަށާއި އިތުރަށް ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ވެސް ވިދާޅުވެފައި ނުވާ ކަމަށެވެެ. 

ނާޒިލް ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާނަކީ މިދިޔަ ދެ އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް ކަމަށެވެ. "ހުވަފެނީ ވާހަކަތަކެއް" އެހެން ގޮތްގޮތަށް ބަދަލުކޮށްގެން މަޖިލީހުގައި ރައީސް ވިދާޅުވި ކަމަށް ނާޒިލް ވިދާޅުވި އެވެ.

"މިހެންކަމުން އަޅުގަނޑު ދަންނަވަން ޖެހެނީ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ 2024 ވަނަ އަހަރު، 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް ކަމަށް. ކުލަ ނެތް ކޮޕީއެއް ކަމަށް މި ދަންނަވަނީ ފާއިތުވި ދެ އަހަރު މި މަޖިލީހުގައި ތިޔަ މެމްބަރުންގެ ކުރިފުޅުމަތީގައި އަދި މުޅި  ރައްޔިތުންގެ ކުރިފުޅުމަތީގައި ރައްޔިތުންނަށް އަޑު އިވޭނޭހެން ވިދާޅުވި ހުވަފެނީ ވާހަކަތައް އެހެން ގޮތަކަށް ބަދަލުކޮށްގެން އަނެއްކާވެސް މިއޮތީ މި މަޖިލީހަށް އަޑުއިއްވާފައި،" ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާނަށް ދެއްވި ޖަވާބުގައި ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވި ގޮތުގައި ސަރުކާރުން ކުރާނެ ކަމަށް ބުނި ކަންކަމުގެ ކަންކަން ނުކޮށް އާ ތާރީހުތަކެއް ދީފައިވެ އެވެ. އަދި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ވާހަކަތަކާއި އެކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ގެންގުޅޭނެ ސިޔާސަތުތައް ރިޔާސީ ބަޔާނުގައި ހިއްސާކޮށްފައިނުވާ ކަމަށް ނާޒިލް ވިދާޅުވި އެވެ. 

"ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ވާހަކަ، އެކަންކަން ރަނގަޅުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ބުނެދީފައެއް ނުވޭ." 

އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް، ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަނީ -- ފޮޓޯ: މަޖިލިސް
އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް، ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަނީ -- ފޮޓޯ: މަޖިލިސް

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ވިދާޅުވީ މިހާރު މިއޮތް ސަރުކާރަކީ ރާއްޖޭގެ ތާރީހުގައި ވެސް ނުފެންނަ ވަރުގެ ނާގާބިލު ސަރުކާރެއް ކަމަށާއި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރައީސް މުއިއްޒު ފެއިލްވެފައިވާ ކަމަށެވެ.

ނާޒިލް ވިދާޅުވީ ސިއްހީ ހާލަތު ގޯސްވެ އާސަންދަ ނުލިބުމާއި ބޭސް ސިޓީއަށް ބޭސް ނުލިބުމުގެ ވާހަކައަކީ ކޮންމެ ދުވަހަކު އިވޭ ވާހަކަތަކެއް ކަމަށެވެ. އެކަމަކު އެ ޝަކުވާތަކުގެ އަޑު ސަރުކާރަށް އިވޭ ކަމަށް ނުހަދާ ކަމަށާއި އާސަންދަ ރިފޯމު ކުރާނެ ކަމަށް އިއުލާންކުރި ފަހުން އޭގެ ހިދުމަތް ވެސް ދަށަށް ގޮސްފައިވާ ކަމަށެވެ. 

ޔޫރަޕުގެ މޮޅެތި ބޭސްތައް ރާއްޖެއަށް ގެންނާނެ ކަމަށް ސަރުކާރުން ބުނިތާ މިހާރު ދެ އަހަރުވެފައިވާ ކަމަށާއި އެކަމަކު މިހާރު ހާލަތު އޮތީ ކުރިން ރާއްޖެއިން ލިބޭ ބޭސްތައް ވެސް ނުލިބޭ ހިސާބުގައި ކަމަށް ވިދާޅުވި އެވެ. އެހެންވެ، ކުލަ ނެތް ހުވަފެންތައް ދެއްކުމުގެ ބަދަލުގައި އަސްލު މަސައްކަތަށް ފޯކަސް ކުރުމަށް އޭނާ ގޮވާލެއްވި އެވެ. 

ނާޒިލް ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށް އޭރު ބުނެފައިވާ ކަމަށާއި އެކަމަކު ބޯހިޔާވަހިކަން ލިބުނު ބަޔަކު އަދި ފެށުނު މަޝްރޫއުއެއް ނެތް ކަމަށެވެ. އަދި މާލެ އާއި ރަސްމާލެ ގުޅާލައި އަންޑަވޯޓާ ޓަނަލެއްގެ މަސައްކަތްކުރާނެ ކަމަށް ބުނިއިރު އެކަން ވެސް ކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ. 

އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން އިއްވެވި ރިޔާސީ ބަޔާނަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ: މަޖިލިސް
އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން އިއްވެވި ރިޔާސީ ބަޔާނަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ: މަޖިލިސް

މިދިޔަ ސަރުކާރުގައި ލޯނުތައް ނެގުމުން އެކަމަށް ފާޑުކިޔަމުން ވެރިކަމަށް އައި މި ސަރުކާރުގައި ނާޒިލް ވިދާޅުވީ ލޯނު ނުނަގާ ސަރުކާރު ހިންގަން އެނގިވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދަކަށް ލޯނު ނަގާފައިވާ ކަމަށެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީން ފަރުނުޖެހި އިތުރަށް ލޯނުތައް ނަގައިގެން ކުރިއަށް ދަނީ އިސްރާފުތައް ގިނަ ކަމުން ކަމަށް ވިދާޅުވި އެވެ. 

"މިސާލަކަށް ދަންނަވަންޏާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، ރާއްޖޭގެ އެންމެ ފައިދާ ބޮޑު އެއް އެއާޕޯޓު، ރާއްޖޭގ އެންމެ ފައިދާ ވިޔަފާރި ހަރަކާތް. އެތައް މިލިއަން ޑޮލަރެއް އެތަނަށް ލިބޭ. އެހެންނަމަވެސް ދާދި ފަހުން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ޑިއުޓީ ފްރީ ހަދަން ނެގި 40 މިލިއަން ޑޮަލަރުގެ ލޯނު ދެއްކުމަށް އެހެން ލޯނެއް ނެގިތަން،" ފާޑުވިދާޅުވެ ނާޒިލް ވިދާޅުވި އެވެ. 

"އެހެންވީމަ ސުވާލަކީ އެއާޕޯޓު ކުންފުންޏަށް ލިބޭ ފައިސާއަށް ކުރަނީ ކީއްތޯ،" 

ނާޒިލް ވިދާޅުވީ ޑޮލަރުގެ އަގު މަތިނުވާނެ ކަމަށް ސަރުކާރުން ބުނި ފަހުން އޭގެ އަގު ތިރިއަށް ނުދާ ކަމަށެވެ. މިހާރު 22.40 އަށް ޑޮލަރު އަގު އަރާފައިވާ ކަމަށާއި ޑޮލަރާ ގުޅިގެން އެޅި ފިޔަވަޅުތަކުން ވެސް އެކަން ހައްލުނުވެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށެވެ. 

އޭނާ ވަނީ މާލީ ނިޒާމާ މެދު އިތުބާރު ގެއްލިފައިވާ ކަމަށެެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅިގެން އެޅުމަށް ބޭރުގެ ފަރާތްތަކުން ދިން ލަފަޔާ އެއްގޮތަށް ވެސް އަމަލުކުރަމުން ނުދާ ކަމަށް ވިދާޅުވެ ނާޒިލް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.