ވިޔަފާރިވެރިން އެދިފައިވާ ގޮތަށް ބާޒާރަށް ތަންކޮޅެއް އަވަހަށް ކިރާއި ސަންފްލާވާ އޮއިލް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ މުދާ ލިބުމުގައި މިވަގުތު އެއްވެސް ދަތި ކަމެއް ނެތް ކަމަށެވެ. އެކަމަކު ރާއްޖޭގެ 4،200 ކޮންޓެއިނަރު ސްރީ ލަންކާގައި ތާށިވެފައި ނުވަތަ އައުމުގެ މަގުމަތީގައި އެބަ ހުރި ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި މާލޭ ވިޔަފާރި ބަނދަރަށް ހުރި ދަތިތަކާއި ލަންކާގައި މަޑުޖެހިފައިވާ މުދާ ލަސްވުމުގެ ސަބަބުން ބާޒާރަށް އަންނަ ގޮންޖެހުންތައް ހައްލުކުރަން މިނިސްޓްރީން އަންނަނީ ވިޔަފާރިވެރިންނާއި އިމްޕޯޓު ކުރާ މީހުންނާ އެކު މަސައްކަތްކުރަމުންނެވެ.
އެ މަސައްކަތުގެ ދަށުން ދެ ޕްރޮޑަކްޓެއް ބާޒާރަށް އަވަހަށް ނެރުމަށް ރިކުއެސްޓްކޮށްފައިވާ ކަަމަށް ސައީދު ވިދާޅުވި އެވެ.
"އެގޮތަށް މަސައްކަތްކުރުމުގެ ތެރެއިން މިނިސްޓްރީން މިއަދު ހެނދުނު ބުނީ 2 ޕްރޮޑަކްޓެއް ތަންކޮޅެއް އަވަސްކުރަން ބާޒާރުން އެބަ އޮތޭ ރިކުއެސްޓްކޮށްފައި. އެހެންވީމަ އެ ދެ ބާވަތް ވެސް އަޅުގަނޑުމެން މި ގެންދަނީ އަވަސްކުރަމުން،" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ އެސެންޝަލް އައިޓަމުގެ ތެރޭގައި ހިމެނޭ 164 ބާވަތެއްގެ މުދަލުގެ ތެރޭގައި ވެސް ހިމެނޭ ކިރާއި ސަންފްލާވާ އޮއިލް އަވަހަށް ނެރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"އޭގެ ތެރޭގައި އެސެންޝަލް އައިޓަމުގެ ތެރޭގައި ހިމެނޭ މާނައަކީ 164 ބާވަތެއްގެ މުދަލުގެ ތެރޭގައި، އައިޓަމުގެ ތެރޭގައި ހިމެނޭ ދެ ބާވަތް ވީމަ ވަރަށް ބޮޑަށް މުދާ ގެނައުމުގައި މާނައަކީ އެހެން ކަންތައްތަކަށް ވުރެ ބޮޑަށް އެޔަށް ޕްރިއޯރިޓީ އެބަދެމޭ،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކިރާއި ސަންފްލާވާ އޮއިލް އަށް މިވަގުތު އިސްކަންދީފައި ވަނީ ބާޒާރުން ހުސްވެގެން ނޫން ކަމަށާއި އެކަމަކު ހުސްވެދާނެ ކަމަށް ބަލައި އެކަމަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.
"މާކެޓުގައި ހުހެއް ނުވޭ އެހެންނަމަވެސް ހުސްވާންވާއިރަށް ހުސްވިޔަ ނުދީ މި އައިޓަމްސްތައް ލިބޭނެ ކަން ކަށަވަރުކުރުމަށް މިކަން މިކުރަނީ. އޭގެ ތެރޭގައި މިނިސްޓްރީން މައުލޫމާތުދޭ ދެ ޕްރޮޑަކްޓަކީ ސަންފްލާވާ އޮއިލް އާއި މިލްކާ. މިވާހަކަ މި ދަންނަވާލި ސަބަބަކީ އެއްވެސް އެއްޗެއް ހުސްވިޔަ ނުދީ މި ކުރަމުންދާ މަސައްކަތުގެ މުހިއްމުކަން ދަންނަވާލަންވެގެން." ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ލަންކާގައި މަޑުޖެހިފައިވާ ކޮންޓެއިނަރުތަކުގެ ތެރެއިން 80 ކޮންޓެއިނަރެއް އަވަސްކޮށްދިނުމަށް ވެސް ވިޔަފާރިވެރިން އެދިފައިވާ ކަމަށެވެ. އެހެންވެ، ކޮލަމްބޯގެ ޕޯޓް އެޑްމިނިސްޓްރޭޝަނާއި މާލޭގެ ވިޔަފާރި ބަނދަރާއި ސަރުކާރުގެ އިދާރާތަކާ ގުޅިގެން އެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ރައީސް އޮފީހުގެ ކްރައިސިސް ކޮމިޓީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ސައީދު ވިދާޅުވީ ސަރުކާރުން އަންނަނީ މާކެޓުގައި ވިއްކާ މުހިއްމު 164 ބާވަތެއްގެ މުދަލުގެ ސަޕްލައި އަދި އަގުތަކަށް އަންނަ ބަދަލުތައް ކައިރިން ބަލަމުންދާ ކަމަށެވެ.
ހަނގުރާމަ ފެށުނީއްސުރެ މިއަދާ ހަމައަށް އެއްވެސް އަސާސީ ބާވަތަކަށް ނުޖެހި އޮގަނައިޒްކޮށް ކަންކަން ކުރެވެމުން ދިއުމަކީ ކާމިޔާބީއެއްކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ތެލާއި ގޭހާއި ހަޑޫ، ހަކުރު އަދި ފުށުގެ ސްޓޮކް ދަތިކަމެއް ނެތި ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި، ކޮންމެ ދުވަހަކު ވެސް މާކެޓުގައި މުދަލުގެ ސަޕްލައިގެ ހާލަތު ދެނެގަންނައިރު، މިހާރު ވެސް މި ވަގުތަށް އެންމެ ރަނގަޅު އެހެން މާކެޓުތައް ދެނެގަނެ، އެހެން ރޫޓުތަކުން މުދާ ގެނެވޭނެ ގޮތްތައް އަންނަނީ ހޯދަމުންނެވެ.