މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި ދ. މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް ނެގި ވޯޓާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާއެއް ބަލައި، އެއް ކެންޑިޑޭޓެއްގެ ވޯޓެއް ބާތިލުކުރުމުން ނަތީޖާ އެއްވަރުވެއްޖެ އެވެ.
މީދޫ ކައުންސިލުގެ ރައީސް ކަމަށް ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހިމް އާއި އެމްޑީއޭގެ ކެންޑިޑޭޓު މުހައްމަދު ޝާހިދުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި އިބްރާހިމް ނަސީމެވެ. އޭގެ ތެރެއިން އީސީގެ ވެބްސައިޓުގައިވާ ނަތީޖާ އިން ދައްކާ ގޮތުގައި ސުހާއަށް ލިބުނީ 393 ވޯޓެވެ. އަދި ޝާހިދަށް ލިބުނީ 392 ވޯޓެވެ. އަމިއްލަ ކެންޑިޑޭޓަށް ލިބުނީ 100 ވޯޓެވެ.
އެ މައްސަލާގައި އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ، "މިހާރު" އަށް ވިދާޅުވީ އެންމެ ގިނައިން ވޯޓު ލިބުނު ދެ ކެންޑިޑޭޓުން ވެސް ވަނީ ވޯޓާ ގުޅޭ ޝަކުވާ ހުށަހަޅާފައި ކަމަށެވެ. އެ ޝަކުވާއާ ގުޅިގެން މީދޫގެ 1 ވޯޓު ފޮށި ކެނޑުމަށް ނިންމާފައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.
އޭގެ ތެެރެއިން ވޯޓެއް ބާތިލުކޮށްފައިވީ ނަމަވެސް ބާތިލުކުރީ ކޮން ކެންޑިޑޭޓެއްގެ ވޯޓެއް ކަމެއް ވިދާޅެއް ނުވެ އެވެ.
އެކަމަކު އެނގިފައިވާ ގޮތުގައި އީސީން ބާތިލުކޮށްފައި ވަނީ އޭގެ ތެރެއިން ޕީއެންސީގެ ކެންޑިޑޭޓުގެ ވޯޓެކެވެ. އެ ވޯޓު ބާތިލުކޮށްފައި ވަނީ ދ. މީދޫ ކައުންސިލު ރައީސް ހޮވުމަށް ލ.ފޮނަދޫގެ ތިން ނަމްބަރު ވޯޓު ފޮއްޓަށް ހަތަރު މީހަކު ރަޖިސްޓްރީކޮށްފައިވާއިރު އޭގެ ތެރެއިން އެކަކު ވޯޓުލާން ފޮނަދޫއަށް ނުދިޔަ ނަމަވެސް އެ ފޮއްޓަށް ހަތަރު މީހަކު ވޯޓުލާފައިވާ މައްސަލައެއްގަ އެވެ.
އެ ފޮއްޓަށް ލާފައިވާ ކަމަށް ބުނާ ހަތަރު ވޯޓު ވެސް ލިބުނީ ސުހާއަށެވެ. އެހެންވެ، އިތުރު ވޯޓެއް ހިމެނިފައިވާތީ އެ ވޯޓު ބާތިލުކުރަން ނިންމާފައިވާ ކަމަށްވެ އެވެ.
އިސީން އެ ގޮތަށް ނިންމުމާ އެކު މިހާރު ވަނީ ސުހާ އާއި ޝާހިދަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވެފަ އެވެ.
ދެ ކެންޑިޑޭޓުންގެ ވޯޓުގެ އަދަދު އެއްވަރުވެއްޖެ ނަމަ، ޖެހެނީ އަލުން އިންތިހާބު ބާއްވާށެވެ. އެކަމަކު މި މައްސަލާގައި އަދި އަމަލުކުރާނެ ސީދާ ވަކި ގޮތެއް އީސީން އާންމުކޮށްފައެއް ނުވެ އެވެ.